މާލޭގެ ޕާކިން ސްލޮޓުތައް އުވާލައި އާންމުންނަށް ހުޅުވާލައިފި

މާލޭގެ ޕާކިން ސްލޮޓުތައް އުވާލައި އާންމުންނަށް ހުޅުވާލައިފި

Author
ހުސައިން
01 އޮކްޓޯބަރ 2025 11:56
0

ޓްރާންސްޕޯޓް މިނިސްޓްރީގެ އެންގުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓުތައް އުވާލައި، އެ ތަންތަން މިއަދު އާންމުންނަށް ހުޅުވާލައިފި އެވެ.

މާލޭ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، މާލޭގެ މަގުތަކުގައި ދިމާވެފައިވާ ހާސްކަން ލުއިކުރުމުގެ ގޮތުން، ވަކި ބޭނުމަކަށް ކަނޑައެޅިފައިވާ ތަންތަން ފިޔަވައި، ޕާކުކުރެވޭނެ ކަމަށް ނިޝާން ޖަހާފައިވާ ހުރިހާ ތަނެއްގައި ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ޕާކުކުރެވޭނެ ކަމަށެވެ.

ޕާކިން ސްލޮޓުތައް ކުއްޔަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމީ، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލްތަކަށް ޕާކިން ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ އެވެ. މީގެ އިތުރުން، މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮތް ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މާލޭގެ އާންމު ޖާގަތަކުންނާއި ޕާކިން ޒޯންތަކުން ކުއްޔަށް ސްލޮޓުތައް ދޫކުރަން ފެށީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. ކައުންސިލުން އަމިއްލަ ފަރާތްތަކާއި ޓެކްސީތަކަށް ދޫކޮށްފައިވާ ޕާކިން ސްލޮޓުގެ އަދަދު ހާސް ސްލޮޓާ ގާތްކުރެ އެވެ.

އެ ސްލޮޓުތައް ދޫކުރި އަގުތަކަށް ބަލާއިރު، ޓެކްސީތަކަށް މަހަކު 650 ރުފިޔާ، ޕްރައިވެޓް ކާރުތަކަށް މަހަކު 1،500 ރުފިޔާ، އަދި ކުންފުނިތަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުން ކުއްޔަށް ދެމުންދިޔަ އެވެ.

ޕާކިން ސްލޮޓުތައް ފުރަތަމަ ކުއްޔަށް ދިނުމަށް ހުޅުވާލި ވަގުތު، އާންމުން ގިނައިން ސައިކަލު ޕާކުކުރަމުން އައި ސަރަހައްދުތަކުން ސްލޮޓުތައް ކަނޑައެޅުމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިއަދު ނިންމި ނިންމުމާ އެކު، މި ހުރިހާ ސަރަހައްދުތަކެއް އަލުން އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.