ކޮރަޕްޝަން ހުއްޓުވަން އެންމެ މުހިންމީ ޒިންމާދާރު މަގާމުތަކުގައި ތިބެގެން އެކަމަށް މަސައްކަތް ކުރުން: ހޯމް މިނިސްޓަރު

ކޮރަޕްޝަން ހުއްޓުވަން އެންމެ މުހިންމީ ޒިންމާދާރު މަގާމުތަކުގައި ތިބެގެން އެކަމަށް މަސައްކަތް ކުރުން: ހޯމް މިނިސްޓަރު

Author
ޙަސަން މުޙައްމަދު
30 ސެޕްޓެމްބަރ 2025 08:24
0

ކޮރަޕްޝަން ހުއްޓުވުމުގެ އެންމެ މުހިންމު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބެގެން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަނާ ދެކޮޅަށް މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވާ ވަގުތު އިހުސާން މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހޯމް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޒިންމާދާރު މަގާމުތަކުގައި ހުރެގެން ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމާއެކު، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނު ތަންފީޒުކުރުމަކީ މި މައްސަލަ ހައްލުކުރުމަށް އެޅޭނެ އެންމެ ފުރިހަމަ ފިޔަވަޅެވެ. މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ކޮރަޕްޝަން ނައްތާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު ދުވަހު ސަރުކާރު ހިންގުމުގެ ފުރުޞަތު ލިބިފައިވަނިކޮށް، ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ނުކުރި ފަރާތްތަކުން މިހާރު މަގުމަތީގައި މުޒާހަރާކޮށް ކުރަން ބޭނުންވަނީ ކޮން ކަމެއް ކަމާ މެދު ރައްޔިތުން ވިސްނާލަންޖެހޭ ކަމަށެވެ. މަގާމުތަކުގައި ތިބެގެން ކޮރަޕްޝަން ހުއްޓުވުމަށް އެ ފަރާތްތަކުން ކުރީ ކޮން މަސައްކަތެއްތޯ އޭނާ ސުވާލު އުފައްދަވައިފިއެވެ.

މި ވާހަކަތައް ދެކެވެމުންދާއިރު، އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަހުމަދު ސައީދަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް މި ހަފުތާގައި ކްރިމިނަލް ކޯޓުން އިއްވާފައިވެއެވެ. މީގެ އިތުރުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަބްދުﷲ މައުމޫނަށް ރިޝްވަތުގެ ދެ މައްސަލައިގައި 12 އަހަރުގެ ޖަލު ހުކުމް ކުރިން އިއްވާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި ހުކުރު ދުވަހު ހަވީރު މާލޭގައި ބާއްވަން ހަމަޖެހިފައިވާ މުޒާހަރާއާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ވިދާޅުވެފައިވަނީ، މި ހަރަކާތަކީ ވަކި ޕާޓީއެއްގެ ހަރަކާތެއް ނޫން ކަމަށާއި، ކޮރަޕްޝަނާ ދެކޮޅު ހުރިހާ ފަރާތްތަކެއް ބައިވެރިވުން މުހިންމު މުޒާހަރާއެއް ކަމަށެވެ. އޭނާ ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.