އިންޑިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ ކޯޗް ކަމުން، ސްޕެއިންގެ ކާލޭސް ކްއަޑްރާޓް ވަކި ކޮށްފިއެވެ.
އާ ކޯޗަކު ހަމަޖެހެން ދެން، ވަގުތީ ކޯޗް ކަން ހަވާލު ކޮށްފައި ވަނީ ބެންގަލޫރުގެ އެސިސްޓެންޓް ކޯޗް އަދި އިންޑިއާގެ ފުޓްބޯޅައިގެ ޔޫތު ޑިވްލަޕްމެންޓްގައި ތަޖުރިބާ ހުރި އެ ގައުމުގެ ކޯޗެއް ކަމަށްވާ ނައުޝާދު މޫސާ އާ އެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި، ރާއްޖޭގެ މާޒިޔާ އާ ދެކޮޅަށް ކުޅެން ބެންގަލޫރު ޓީމު ގޮވައިގެން މާލެ އައި ކްއަޑްރާޓް ބެންގަލޫރުގެ ކޯޗް ކަމުން ވަކި ކުރީ، އިންޑިއަން ސުޕަ ލީގްގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމުންނެވެ.
ބެންގަލޫރުގައި އެސިސްޓެންޓެއްގެ ގޮތުގައި ކްއަޑްރާޓް މަސައްކަތް ކުރީ، އެފްސީ ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަންގެ މިހާރުގެ އެސިސްޓެންޓް އަލްބަޓް ރޮކާ އާ އެކު އެވެ. ރޮކާ އާއެކު ކްއަޑްރާޓް މަސައްކަތް ކޮށް، 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފައިނަލަށް ބެންގަލޫރު ގެންގޮސް ދިނެވެ.
އައިއެސްއެލްގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ބެންގަލޫރު މޮޅުވީ ތިން މެޗުންނެވެ. އަނެއް ތިން މެޗު އެއްވަރުވެ އަނެއް ތިން މެން ބަލިވީ އެވެ. މިދިޔަ އަހަރު ލީގްގެ ތިން ވަނަ ހޯދި ޓީމު އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.
ކޮމެންޓު ފޮނުވާ