ކޮންޓެންޓް ކްރިއޭޓަރުންނަށް 5 ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން ލޯނު ނެގޭނެ ފުރުޞަތު ހުޅުވާލައިފި

ކޮންޓެންޓް ކްރިއޭޓަރުންނަށް 5 ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން ލޯނު ނެގޭނެ ފުރުޞަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
29 ސެޕްޓެމްބަރ 2025 07:39
0

ދިވެހިރާއްޖޭގައި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ޚާއްސަ ލޯން ސްކީމެއް މިއަދު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ވަޢުދެއް ފުއްދެވުމުގެ ގޮތުން ތަޢާރަފުކުރެވުނު މި ސްކީމަކީ، ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ކުރިއެރުވުމާއި، ދިވެހި ޒުވާނުންނަށް މި ދާއިރާގައި އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފުކުރި ސްކީމެކެވެ.

މި ޚާއްސަ ލޯން ސްކީމުގެ ދަށުން ރަހުނު ބެހެއްޓުމުން 500,000 ރުފިޔާއާ ހަމައަށް ލޯނު ނެގިދާނެއެވެ. ރަހުނެއް ނުބަހައްޓާ ނަމަވެސް 150,000 ރުފިޔާއާ ހަމައަށް ލޯނު ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ. ލޯނު ދޫކުރެވޭނީ އަހަރަކަށް 9.5 ޕަސެންޓުގެ ފައިދާ ރޭޓެއްގައި ކަމަށް އެސްޑީއެފްސީން ހާމަކުރެއެވެ.

ލޯނު ނަގާ ފަރާތްތަކަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. ލޯނުގެ ފައިސާ ބޭނުންކުރެވޭނީ ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ސާމާނު ގަތުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ޚަރަދުތައް ކުރުމަށެވެ.

މި ލޯން ސްކީމު ބޭނުންކުރެވޭނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ-ވީޑިއޯ، އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓް، އަދި ސޭލްސް އާއި މާކެޓިންގއާ ގުޅޭ ކޮންޓެންޓް އުފައްދާ ފަރާތްތަކަށެވެ. މިއީ ދިވެހިރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީ ކުރިއަރުވައި، ޒުވާނުންނަށް މި ދާއިރާގައި އާމްދަނީ ހޯދުމުގެ މަގު ފަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ހަފްތާއެއްހާ ދުވަސް ކުރިން މީސްމީޑިއާގައި ވިދާޅުވި ގޮތުގައި، މި ސްކީމް ތަޢާރަފުކުރުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށެވެ. މިއަދު މި ސްކީމު ހުޅުވާލުމުން، ކޮންޓެންޓް ކްރިއޭޓަރުންނަށް ފަންނީ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަގު ފަހިވެގެން ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.