އިޒްރޭލަށް ޖާސޫސްކަން ކުރުމުގެ ތުހުމަތުގައި އީރާނުން މިއަދު މީހަކު ދަންޖައްސައި މަރާލައިފިއެވެ. މަރާލެވުނު މީހާގެ ނަމަކީ ބަހްމަން ޗޫބީ އަސްލް އެވެ. އޭނާ އަކީ އިޒްރޭލުގެ ޒަޔަނިސްޓު ސަރުކާރަށް އީރާނުގެ ސިއްރު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމަށް އީރާނުގެ ޖުޑީޝަރީގެ މީޒާން ވެބްސައިޓުން ހާމަކޮށްފައިވެއެވެ.
ޗޫބީ އަސްލް އަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ އޭޖެންޓުންނާ ސީދާ ގުޅުން ބޭއްވި މީހެއް ކަމަށާއި، އީރާނުގެ ގައުމީ ސަލާމަތާ ގުޅޭ އެތައް މުހިންމު ޑޭޓާބޭސްއަކަށް ވަދެވޭ ފުރުސަތު އޭނާއަށް ލިބިފައި އޮތް ކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރި ތާރީހެއް އީރާނުން ވަނީ ހާމަނުކޮށެވެ.
މި މަރުގެ ހުކުމް ތަންފީޒުކުރީ، ޖޫން މަހު އިޒްރޭލުން އީރާންގެ އަސްކަރީ ތަންތަނާއި ނިއުކްލިއާ މަރުކަޒުތަކަށް ވައިގެ ހަމަލާދިން ފަހުންނެވެ. އެ ހަމަލާތަކުގައި އީރާންގެ އިސް އޮފިސަރުންނާއި ނިއުކްލިއާ ސައިންޓިސްޓުންގެ އިތުރުން ގިނަ ބަޔަކު ޝަހީދުވެފައިވެއެވެ.
މި ހަމަލާތަކަށްފަހު އީރާނުން ވަނީ އިޒްރޭލަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތައް ފެނިއްޖެނަމަ ކަނޑައެޅިގެން ފިޔަވަޅު އަޅާނެ ކަމުގެ ވައުދުވެފައެވެ. އެގޮތުން އޯގަސްޓް މަހުގެ ތެރޭގައި އިޒްރޭލާ ގުޅުން ހުރި ކަމުގެ ޝައްކު ކުރެވޭ 20 މީހެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އީރާނުގެ ޖުޑީޝަރީން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އީރާންގެ ނިއުކްލިއާ ސައިންޓިސްޓެއްގެ ސިއްރު މައުލޫމާތު އިޒްރޭލާ ހިއްސާކުރި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވެއެވެ.
އީރާނާއި އިޒްރޭލާ ދެމެދު ޖޫން މަހު ހިނގި 12 ދުވަހުގެ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ނުސީދާ ހަނގުރާމަ މިހާރު ވަނީ އިތުރަށް ގޯސްވެފައެވެ. އީރާނުން ބުނާގޮތުގައި އިޒްރޭލަށް ޖާސޫސްކަން ކުރާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާމެދު ގަދަ ފިޔަވަޅުތައް އަޅަމުން ގެންދާނެއެވެ.
ކޮމެންޓު ފޮނުވާ