މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް މިއަދު އައްޔަނު ކުރައްވައިފި އެވެ. އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއު ޕްރޮސެސްގައި އެންމެ މަތިން މާކްސް ލިބުނީ ބައްސާމަށް ކަމަށް މަޓާޓޯއިން ބުނެފައިވެ އެވެ.
މަޓާޓޯގެ ސީއީއޯ މަގާމު ހުސްވެފައި އޮތީ އެ މަގާމުގައި ކުރިން ހުންނެވި އާމިނަތު ސޫޒަން އިސްތިއުފާ ދެއްވުމުންނެވެ. ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބައްސާމް އަކީ ޓްރެވެލް އެޖެންސީތަކާއި އެއާލައިންތަކުގެ އިތުރުން ޑެސްޓިނޭޝަން މާކެޓިންގ ދާއިރާގައި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
މީގެ ކުރިން އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ފުރުއްވާފައިވާ ބައްސާމް، މިދިޔަ އަހަރު އެ މަގާމުން ވަކިވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވި ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ނަމަވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފަހުން ވަނީ އެމްއެމްޕީއާރުސީގެ ހިންގުން ވަގުތީ ގޮތުން ބައްސާމާ ހަވާލުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގައި މަސައްކަތް ކުރެއްވި މުއްދަތުގައި ބައްސާމް ވަނީ މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ޑެސްޓިނޭޝަން މާކެޓިން ތަރައްގީކުރުމާއި، ބައިނަލްއަގުވާމީ ޕާޓްނާޝިޕްތައް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެހެންނަމަވެސް ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް މީގެކުރިން ކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ. އެ މައްސަލައިގައި އެމްއެމްޕީއާރުސީން ތަހުގީގެއް ހިންގި ނަމަވެސް، ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ނަޖާހު އިސްތިއުފާ ދެއްވީ މެނޭޖްމަންޓުން ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް ބުނެ އެވެ. ނޫރައިން އިސްތިއުފާ ދެއްވުމަށްފަހު 24 ގަޑިއިރު ތެރޭގައި އޭރު އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު (ކުޑީ) ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ