މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުގައާއި ސިނަމާލެ ބުރިޖުގައި 46 ޓްރެފިކް އެކްސިޑެންޓެއް ހިނގައި، 11 މީހަކަށް އަނިޔާވެ، 45 އުޅަނދަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ރޭ ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ އާދިއްތަ ދުވަހު ކަމަށް ވާއިރު، އެދުވަހު 10 އެކްސިޑެންޓެއް ރިކޯޑުކޮށްފައިވެއެވެ. ހޯމަ ދުވަހު 8 އެކްސިޑެންޓާއި، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކޮންމެ ދުވަހަކު 6 އެކްސިޑެންޓު ހިނގި ނަމަވެސް، ހުކުރު ދުވަހު އެ އަދަދު ދަށްވެ 4 އެކްސިޑެންޓަށް ވެފައިވެއެވެ. ހޮނިހިރު ދުވަހު ވެސް 6 އެކްސިޑެންޓެއް ރިކޯޑުކޮށްފައިވެއެވެ.
ސިނަމާލެ ބުރިޖުގައި ހަފުތާގެ ތެރޭގައި ހިނގާފައިވަނީ 7 އެކްސިޑެންޓެއް ކަމަށްވާއިރު، ބާކީ 39 އެކްސިޑެންޓު ހިނގާފައިވަނީ މާލޭގެ އެކިއެކި ސަރަހައްދުތަކުގައެވެ. މި އެކްސިޑެންޓުތަކުގެ ތެރެއިން 29 އެކްސިޑެންޓެއް ހިނގާފައިވަނީ ދުވާލުގެ އެކި ވަގުތުތަކުގައި ކަމަށްވާއިރު، ރޭގަނޑު 17 އެކްސިޑެންޓެއް ހިނގާފައިވެއެވެ.
އެކްސިޑެންޓުތަކުގެ ސީރިއަސްކަމަށް ބަލާއިރު، 43 އެކްސިޑެންޓަކީ ކުޑަ އަނިޔާއެއް ލިބުނު އެކްސިޑެންޓުތަކެއް ކަމަށްވާއިރު، ސީރިއަސް 3 އެކްސިޑެންޓެއް ރިކޯޑުކޮށްފައިވެއެވެ.
އެކްސިޑެންޓުތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހި ހިނގާ އެކްސިޑެންޓުތަކެވެ. މިފަދަ 11 އެކްސިޑެންޓެއް ރިކޯޑުކޮށްފައިވާއިރު، ސައިކަލުތައް ޖެހިގެން 8 އެކްސިޑެންޓެއް ހިނގާފައިވެއެވެ. މީގެ އިތުރުން ކާރާއި ކާރު ޖެހިގެން 4 އެކްސިޑެންޓާއި، ކާރާއި ޕިކަޕް ޖެހިގެން 3 އެކްސިޑެންޓެއް ހިނގާފައިވެއެވެ. ހަމައެހެންމެ ޕިކަޕާއި ޕިކަޕް، ސައިކަލާއި ޕިކަޕް، ސައިކަލާއި ބަސް، ސައިކަލާއި ބައިސްކަލް، އަދި ސައިކަލާއި ހިނގާ މީހުން ޖެހިގެން ކޮންމެ ބާވަތަކުން 2 އެކްސިޑެންޓު ހިނގާފައިވެއެވެ.
މި އެކްސިޑެންޓުތަކުގެ އިތުރުން، ޕިކަޕަކާއި ބަހެއް ޖެހި އެކްސިޑެންޓަކާއި، ކާރަކާއި ހިނގާ މީހަކު ޖެހި އެކްސިޑެންޓެއް، އެއް އުޅަނދު ހިމެނޭ 2 އެކްސިޑެންޓު އަދި އެކްސިޑެންޓުވުމުން ނުހުއްޓި ފިލި އެކްސިޑެންޓެއް ވެސް ރިކޯޑުކޮށްފައިވެއެވެ.
މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން ދާއިރު، މިފަދަ ހާދިސާތަކުގައި އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށާއި، ބައެއް ފަހަރު ފުރާނަ ގެއްލުންވެސް ވެފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ. އެހެންކަމުން މަގުތަކުގައި އުޅަނދުތައް ދުއްވާއިރު ފަރުވާތެރިކަމާއެކު އުޅުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ