ގާސިމް އިބްރާހިމް ހިތުގެ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި

ގާސިމް އިބްރާހިމް ހިތުގެ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި

Author
އައިޝަތު އަޙްމަދު
28 ސެޕްޓެމްބަރ 2025 10:51
0

ހިތުގެ ފަރުވާއަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިދިޔަ ހަފުތާގައި އެޑްމިޓުކޮށްފައިވާ ވިލާ ގްރޫޕްގެ ޗެއާމަން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޞިއްޙީ ހާލަތު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ގާސިމްގެ އާއިލާގެ ފަރާތުން ލިބުނު މައުލޫމާތާ އެއްގޮތަށް، ޞިއްޙީ ހާލަތު ރަނގަޅުވުމާ ގުޅިގެން އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ގާސިމް މިވަގުތު ހުންނަވަނީ އޭނާގެ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ގާސިމް މާލެ ގެންނަވައި ހޮސްޕިޓަލުގައި އެޑްމިޓުކުރެވުނީ، އދ. އަތޮޅު ސަން އައިލެންޑް ރިސޯޓުގައި ހުންނަވަނިކޮށް ހިތުގެ ހާލަތު ގޯސްވެގެންނެވެ. އޭރު އޭނާގެ ސިއްޙީ ހާލަތާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން މައުލޫމާތު ދެއްވަމުން ބުދަ ދުވަހު ވިދާޅުވެފައި ވަނީ، އައިޖީއެމްއެޗްގެ ރޫމެއްގައި ފަރުވާ ދެމުން ގެންދާ ކަމަށާއި، ވާހަކަފުޅު ދައްކަވާ ކަމަށާއި، ޑޮކްޓަރުން ނިންމަވާފައިވަނީ ހިތުގެ ސާޖަރީއެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އަކީ މީގެ ކުރިން ވެސް ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އައިޖީއެމްއެޗުން ކުރިން ވެސް ފަރުވާ ހޯއްދަވާފައި ވެ އެވެ. ގާސިމް އަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމުގައިވާ ވިލާ ގްރޫޕްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަދަ މުހިންމު މަޤާމުތައް ފުރުއްވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިންވަރު
ޤާސިމް އިބްރާހީމަށް ދުޅަހެޔޮ ސާފު ހިތަކާއި ފުރިހަމަ ޞިއްޙަތެއް ދެއްވާށި!