އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު ނިމުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފި

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯ ބާރު ނިމުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފި

Author
ޙަސަން މުޙައްމަދު
28 ސެޕްޓެމްބަރ 2025 08:15
0

އދ. ގެ ސަލާމަތީ މަޖިލީހުގައި ބާރުގަދަ ގައުމުތަކަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ކަނޑުވާލައި، އެ ޖަމާއަތުގެ މުޅި އޮނިގަނޑު ބަދަލުކުރުމުގެ ވަގުތު އައިސްފައިވާ ކަމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ އާންމު ބަހުސްގައި ރާއްޖޭގެ ނަމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފާހަގަކުރެއްވީ، ބައިނަލްއަގުވާމީ ގާނޫނު ހުރިހާ މެމްބަރު ގައުމުތަކަށް ހަމަހަމަ ގޮތެއްގައި ތަންފީޒު ނުކުރެވުމުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ދަށްވަމުންދާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާތައް ހުއްޓުވުމުގައި ދުނިޔޭގެ ޖަމާއަތްތަކުން ނާކާމިޔާބުވެފައިވާ ކަން އިޝާރާތްކުރައްވާ، މިނިސްޓަރު ހަލީލް ވިދާޅުވީ އދ. ގެ އޮނިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިނިސްޓަރުގެ ވިދާޅުވުމުގައި، އދ. ގެ އޮނިގަނޑު އަލުން ބިނާކުރުމުގެ ތެދުވެރި މަސައްކަތް ފެށެންވާނީ މިހާރު "ބަންދުވެފައި" އޮތް ސަލާމަތީ މަޖިލީހުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ގައުމުތައް ތަމްސީލުވާނެ ނިޒާމެއް ގާއިމުކުރުމާއެކު، ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ހާއްސަ ގޮނޑިއެއް ދޭންވާނެ ކަމަށް ހަލީލް ހުށަހެޅުއްވިއެވެ.

"އެންމެ މުހިންމު ބަދަލަކީ، ވީޓޯ ކުރުމުގެ ބާރު ނެތް ސަލާމަތީ މަޖިލީހެއް ގާއިމުކުރުން،" މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

އދ. ގެ އޮނިގަނޑު މިގޮތަށް ބަދަލުކުރުމުގެ އަސާސީ މަގުސަދަކީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އދ. އާއި ބައިނަލްއަގުވާމީ ނިޒާމަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައިދިނުމެވެ. ދުނިޔޭގެ ސުލްހަމަސަލަސްކަމާއި ސަލާމަތް ދެމެހެއްޓުމަށް އދ. ގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަށް މިފަދަ އިސްލާހުތަކަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރާއްޖެއިން ދެކޭ ކަން މިނިސްޓަރު ހަލީލް ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.