މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިޚާބު ބޭއްވުމަށް އިތުރު ބަޖެޓެއް ނުވަތަ އިތުރު މުވައްޒަފުން ބޭނުން ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. މިހާރު ލިބިފައިވާ ބަޖެޓުގެ ތެރެއިން މި އިންތިޚާބު ފުރިހަމައަށް ބޭއްވޭނެކަމަށް އޭނާ ޔަޤީންކަން ދެއްވިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޒާހިދު ފާހަގަކުރެއްވީ، އަންނަ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ އިލެކްޝަންސް ކޮމިޝަންގެ ޓީމަށް ބާއްވާލެވޭނެ ކުޑަ އިންތިޚާބެއް ކަމަށެވެ. މިވަރުގެ އިންތިޚާބެއް ބޭއްވުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުގެ ސައްޚަކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުއުފެދޭނެ ގޮތަށް، އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްގެން ކުރިއަށް ގެންދާނެކަމަށް ޒާހިދު ހާމަކުރެއްވިއެވެ. މިއީ ކުޑަ އިންތިޚާބެއް ކަމުގައި ވިޔަސް، ސައްޚަކަމާއި ހާމަކަމާ އެކު ބޭއްވުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ކޮމިޝަނަށް މި އިންތިޚާބުގައި ޖުމުލަ ހަތަރު މެންބަރުން ހޮވޭނެއެވެ. ބްރޯޑްކާސްޓިން ދާއިރާއިން ދެ މެންބަރުންނާއި، އެހެނިހެން މީޑިއާ ދާއިރާތަކުން ދެ މެންބަރުން އިންތިޚާބު ކުރެވޭނެއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ މެންދުރު 2:00 ގައި ނިމުމަކަށް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ