އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގައި ދިގުލައިގެން ކުރިއަށްދާ ހަނގުރާމަ ނިންމާލުމަށް ތައްޔާރުކޮށްފައިވާ 21 ނުކުތާ އެކުލެވޭ ތަފްސީލީ ޕްލޭނެއްގެ މަޢުލޫމާތު ހާމަވެއްޖެއެވެ. މެދުއިރުމަތީގެ މަޝްހޫރު މީޑިއާ އަލް އަރަބިއްޔާ އިން ވަނީ މި ޕްލޭނުގެ ކޮޕީއެއް ހޯދައި، އޭގެ ތަފްސީލުތައް ރިޕޯޓު ކޮށްފައެވެ.
މިދިޔަ ހަފްތާގައި ނިއު ޔޯކުގައި ޢަރަބި އަދި މުސްލިމު ޤައުމުތަކުގެ އިސް ވެރިންނާ އެކު ޓްރަމްޕް ބޭއްވި ބައްދަލުވުންތަކުގައި މި ހުށަހެޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުންތަކާ އަހުލުވެރި ޑިޕްލޮމެޓުން ފާހަގަ ކުރާ ގޮތުގައި، މި ޕްލޭނުގައި ހިމެނިފައިވާ އިންސާނީ އެހީތެރިކަން، ސިޔާސީ ފަސޭހަތަކާއި ސަލާމަތީ ކަށަވަރުކަން ފަދަ ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތުން، މި ހުށަހެޅުން ބަލައިނުގަތުމަކީ ވަރަށް ދަތި ކަމަކަށް ވާނެއެވެ.
ޕްލޭނުގެ އެންމެ މުހިންމު ނުކުތާތަކުގެ ތެރޭގައި ޣައްޒާގައި ލަސްނުކޮށް ހަނގުރާމަ ހުއްޓުވުމާއި، ހަމާސް އިން ބަންދުކޮށްފައި ތިބި ހުރިހާ ރަހީނުން އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުން ހިމެނެއެވެ. އޭގެ ބަދަލުގައި އިސްރާއީލުން ވެސް އެތައް ހާސް ފަލަސްޠީނީ ގައިދީން ދޫކޮށްލާނެ ކަމަށް ޕްލޭނުގައި ބަޔާން ކޮށްފައިވެއެވެ. މި ގައިދީންގެ ތެރޭގައި ހަރުކަށި އަދަބު ތަންފީޒު ކުރަމުންދާ 100 އާއި 200 އާ ދެމެދުގެ އަދަދެއްގެ މީހުން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޔޫއެން މެދުވެރިކޮށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއް ނެތި ޣައްޒާ އަށް ވަދެވޭނެ ގޮތް ހަމަޖެއްސުމަށް ވެސް މި ޕްލޭނުގައި ގޮވާލާފައިވެއެވެ. ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން ބަންދުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ އަދި ޢަރަބި ބާރެއްގެ އެހީތެރިކަމާއެކު ހަމާސްގެ ހަތިޔާރުތައް ނެގުމުގެ މަސައްކަތް ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
ޕްލޭނުގައިވާ ގޮތުން ހަތިޔާރު ބަހައްޓައި ޣައްޒާ ދޫކޮށް ދިއުމަށް އެއްބަސްވާ ހަމާސްގެ މެންބަރުންނަށް މަޢާފު ދިނުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި ޣައްޒާ ވަގުތީ ގޮތުން ހިންގާނީ ބައިނަލްއަޤްވާމީ އަދި ޢަރަބި ސަލާމަތީ ބާރަކުން ކަމަށާއި، ފަލަސްޠީނު އޮތޯރިޓީގެ ދަށުން ފަލަސްޠީނު ކޮމިޓީއެއް އުފައްދައި، ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްފަހު، ވަކި މުއްދަތެއް ފަހުން ފަލަސްޠީނު އޮތޯރިޓީ އަށް ފުރިހަމަ ބާރު ދޫކޮށްލާނެ ކަމަށް ބުނެފައިވެއެވެ.
ރައްކާތެރި އިންސާނީ ކޮރިޑޯތައް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރުމާއި، ޣައްޒާ އަލުން ބިނާކުރުމުގެ 5 އަހަރުގެ ޕްރޮގްރާމެއް ބައިނަލްއަޤްވާމީ އަދި ޢަރަބި ކޮންސޯޓިއަމެއްގެ ބެލުމުގެ ދަށުން ހިންގުން ވެސް މި ޕްލޭނުގައި ހިމެނެއެވެ. އިސްރާއީލުން ވެސްޓް ބޭންކް ހިސޯރުކުރުން ހުއްޓުވުމަށް އެމެރިކާ އިން ޔަގީންކަން ދޭނެ ކަމަށާއި، ދެ ފަރާތުން ވެސް އިސްރާއީލާއި ފަލަސްޠީން ދެމެދުގައި އެންމެ ފަހުގެ ސްޓޭޓަސް މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އެމެރިކާގެ އިސް އޮފިޝަލުން ހާމަކުރާ ގޮތުގައި މި ރޯޑްމެޕް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސް އަށް ޒިޔާރަތް ކުރާ ވަގުތު އޭނާ އަށް ރަސްމީ ގޮތުން ހުށަހެޅޭނެއެވެ. މުޅި ޕްލޭނުގެ ކާމިޔާބު ބިނާވެފައިވަނީ ހަމާސް އިން އެ ޖަމާޢަތުގެ ހަތިޔާރުތައް ދޫކޮށްލައި ޣައްޒާ ދޫކޮށް ދިއުމަށް އެއްބަސްވުމުގެ މައްޗަށް ކަމަށް ޑްރާފްޓުގައި ފާހަގަ ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ