މީޑިއާ ކޮމިޝަނަށް މެމްބަރުން ހޯދަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފި

މީޑިއާ ކޮމިޝަނަށް މެމްބަރުން ހޯދަން އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
25 ސެޕްޓެމްބަރ 2025 06:58
0

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެދިފައިވާ މި ކޮމިޝަނަށް މިހާރު ހޯދަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުންނެވެ.

ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިމަތިލެވޭނެއެވެ. ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ޕޯޓް ކޮމްޕްލެކްސްގެ ފަސްވަނަ ފްލޯއަށް ވަޑައިގަންނަވަން ޖެހޭނެއެވެ. ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 14:00 އަށާއި، ހުކުރު ދުވަހު މެންދުރުފަހު 15:00 އިން 17:00 އަށް ފޯމު ބަލައިގަނެވޭނެއެވެ.

ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވޭ ވޯޓު ނެގުން އޮންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. މާލޭގައި ބެހެއްޓޭ ވޯޓު ފޮށްޓަށް ވޯޓު ލުމަށް މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ޑްރައިވިން ލައިސަންސް ނުވަތަ ޕާސްޕޯޓު ގެންގުޅުއްވަން ޖެހޭނެއެވެ. ވޯޓު ގުނުން ފެށޭނީ ވޯޓު ނެގުން ނިމޭތާ 30 މިނިޓް ފަހުންނެވެ. އޭގެ ފަހުން ވީ އެންމެ އަވަހަކަށް ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނެއެވެ.

މީޑިއާ ރެގިއުލޭޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ ނޫސްވެރިންނާއި މީޑިއާ ދާއިރާގެ ބައެއް ފަރާތްތަކުގެ އިހުތިޖާޖުތަކެއްގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.