ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ގުޅިގެން ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.
މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގެ ދެ އެޕާޓުމަންޓެއް ބަލައި ފާސްކުރުމުން ދެ ދިވެހި ރައްޔިތަކާއި ދެ ބަންގްލަދޭޝް ރައްޔިތަކު ހައްޔަރުކުރެވުނެވެ. ހައްޔަރުކުރެވުނު މީހުންނަކީ ށ. ފޭދޫ. މާވަސްގެ، އަޙްމަދު ސައްފާން (26އ)، ހމ. މާވަހަރު، ޝާނާ (32އ)، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 50 އަހަރުގެ ފާރޫކް ޗޮކީދާރު އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ 40 އަހަރުގެ ސަފިކް އެވެ.
ފުލުހުންގެ މައުލޫމާތު ދައްކާ ގޮތުގައި އެޕާޓުމަންޓުތަކުން 24.06 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 363 ގުޅަ މަނާބޭހު ފެނުނެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދި ކަމަށް ތުހުމަތުކުރެވޭ 4500 ރުފިޔާއަށްވުރެ ގިނަ ފައިސާ ވެސް އެތަންތަނުން ފެނިފައިވެއެވެ.
ހައްޔަރުކުރެވުނު މީހުން ކޯޓަށް ހާޒިރުކުރުމުން ޝާނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިފިއެވެ. އެހެން ތިން މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. މި މައްސަލަ މިވަގުތު ފުލުހުން ދަނީ ތަފްޞީލުކޮށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ ކުށްތަކުގައި ޒުވާނުންގެ އިތުރުން ކުޑަކުދިން ވެސް ޝާމިލުވާކަން ފާހަގަކުރެވެއެވެ. މިއީ އިޖުތިމާއީ ގޮތުން ރާއްޖެ ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން އެއް މައްސަލަ ކަމުގައި ވާއިރު، ސަރުކާރާއި ސެކިއުރިޓީ ބާރުތަކުން މި މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ