އެފްއޭއެމް އެވޯޑް ކޮމިޓީގެ ޗެއާޕާސަންކަމަށް މާއްޓޭ

އެފްއޭއެމް އެވޯޑް ކޮމިޓީގެ ޗެއާޕާސަންކަމަށް މާއްޓޭ

Author
ހުސައިން
24 ސެޕްޓެމްބަރ 2025 06:40
0

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެވޯޑް ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ކުރީގެ ގޯލްކީޕަރާއި ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުޅިވަރުގައި އެތައް ކާމިޔާބުތަކެއް ހޯދައިދީފައިވާ މާއްޓޭއަކީ، ކުޅުންތެރިޔެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގިނަގުނަ ޗެމްޕިއަންޝިޕްތައް ހޯދައިދީފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރިން އަދާކުރުމަށްފަހު، އެންމެ ފަހުން މަސައްކަތްކުރީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައެވެ.

އެވޯޑް ކޮމިޓީގެ ވައިސް ޗެއާޕާސަންގެ މަގާމު ފުރާނީ ރާއްޖޭގެ އިންޓަނޭޝަނަލް މެޗު ކޮމިޝަނަރު އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ) އެވެ. މި ކޮމިޓީގައި ކުރީގެ މަޝްހޫރު ރެފްރީ އަހްމަދު އަބީރު އިސްމާއީލާއި، ފުޓްބޯޅަ ނޫސްވެރިކަމުގައި ދިގު މުއްދަތެއް މަސައްކަތްކުރި މުހައްމަދު ޝަހީބު ވެސް ހިމެނެއެވެ. ޝަހީބަކީ ކުރިން "ހަވީރު" ނޫހުގެ ސްޕޯޓްސް އެވޯޑް ކޮމިޓީގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. ގައުމީ ޓީމުގެ ކޯޗު ވެސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ބައިވެރިވާނެއެވެ.

މި އަހަރުގެ އެފްއޭއެމް އެވޯޑްސް ހަވާލުކުރާނީ 12 ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، ސަޕޯޓަރުންގެ މަގުބޫލު ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ގޯލް، އެންމެ މޮޅު ކްލަބް އަދި އެންމެ މޮޅު ރެފްރީ ހިމެނެއެވެ.

އެވޯޑް ދިނުމުގައި މި ފަހަރު ބަލާނީ ސީޒަނުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ހޯދި ނަތީޖާތަކަށެވެ. މި ކޮމިޓީ އެކުލަވާލުމަކީ އެފްއޭއެމްއިން ރާއްޖޭގެ ފުޓްބޯޅަ ކުޅިވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބުތައް ހޯދާ ކުޅުންތެރިންނާއި ކޯޗުން ފާހަގަކޮށް، އެ ފަރާތްތަކަށް ޙައްގު ޝަރަފު ދިނުމަށް ކުރާ މަސައްކަތެކެވެ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.