އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުން އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމަކުން ފާހަގަކުރެވިފައިވެ އެވެ.
ތުރުކީ، ގަތަރު، ސައުދީ އަރަބިއްޔާ، އިންޑޮނީޝިއާ، ޕާކިސްތާނު، މިސްރު، ޔޫއޭއީ އަދި ޖޯޑަންގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި މައިގަނޑު އަމާޒަކީ ފަލަސްތީނުގެ ގާޒާގައި ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ހަމާސް އިން ބަންދުކޮށްފައި ތިބި އިޒްރޭލު ރައްޔިތުން ދޫކޮށްލުމަށް މަގުފަހިކުރުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.
ރައީސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ ތާރީޚީ މުހިންމުކަމެއް ލިބިފައިވާ ބައްދަލުވުމެއް ކަމަށާއި، ގާޒާގައި ދެމިގެންދާ އިންސާނީ ކާރިސާ ހުއްޓުވައި، ބަންދުގައި ތިބި އިޒްރޭލު ރައްޔިތުން އެނބުރި ގެންދިއުމަށް ކޮންމެހެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މިކަމަށްޓަކައި ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރުމަށް ތައްޔާރަށް ހުންނަވާ ކަމަށާއި، ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ލީޑަރުންނަކީ މި މައްސަލަ ހައްލުކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ބޭފުޅުން ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ރެޖެބް ތައްޔިބް އުރުދުގާން މި ބައްދަލުވުން ނިމުމަށްފަހު ވިދާޅުވެފައިވަނީ، ބައްދަލުވުމުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށާއި، މިއީ އުއްމީދު އުފެއްދޭ ކުރިއެރުމެއް ކަމުގައެވެ. އެހެންނަމަވެސް ބައްދަލުވުމުގައި ހިނގި ތަފްސީލު ވާހަކަތައް ހާމަކުރެއްވުމަށް އުރުދުގާން އިންކާރުކުރެއްވި އެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި އަދަދުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އަދަދު ބޮޑުކަން ބައިނަލްއަގްވާމީ އެހީ ދޭ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާއިރު ލައްކައަކަސްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ