ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށައިފި

ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
22 ސެޕްޓެމްބަރ 2025 09:25
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލްގައި އިތުރު ދެ ބައިނަލްއަޤްވާމީ އެއާލައިނަށް ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ. ބަޓިކް އެއާ އާއި ބެންކޮކް އެއާވޭސް މިދެ އެއާލައިނަށް ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބޭއްވުނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި، ދެ އެއާލައިންގެ އިސްވެރިންގެ އިތުރުން އެމްއޭސީއެލްގެ އިސް މުވައްޒަފުން ބައިވެރިވިއެވެ. ބަޓިކް އެއާގެ ފަރާތުން ސްޓޭޝަން މެނޭޖަރު އަލީ ޝިނާން އާއި ބެންކޮކް އެއާވޭސްގެ ފަރާތުން ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއެކު، ޓާމިނަލް 1 އަށް އައި ފުރަތަމަ ފްލައިޓުތަކަށް ޚާއްޞަ މަރުޙަބާއެއް ކިޔުނެވެ. ބަޓިކް އެއާގެ އޯޑީ293-5 ފްލައިޓާއި ބެންކޮކް އެއާވޭސްގެ ޕީޖީ711-2 ފްލައިޓަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުތަކުން އައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ހަރަކާތްތަކާއެކު އިޙްތިރާމުގެ މަރުޙަބާއެއް ކިޔައިފިއެވެ.

މި ދެ އެއާލައިން އިތުރުވުމުން ޓާމިނަލް 1 އިން މިހާރު ޚިދުމަތް ލިބޭ އެއާލައިންތަކުގެ ޖުމްލަ އަދަދު ހަތަކަށް އަރައިފިއެވެ. މީގެ ކުރިން މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ އަދި ބެއިޖިންގ ކެޕިޓަލް އެއާލައިންސް މި ފަސް އެއާލައިނަށް ޓާމިނަލް 1 އިން ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ބައިނަލްއަޤްވާމީ އެއާލައިނަކަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު އަމާޒެވެ. އާ ޓާމިނަލް ހުޅުވުމާއެކު އެއާޕޯޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފަތުރުވެރިންނަށް ފަސޭހަ އަދި ހަލުވި ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.