ވީއައިއޭގެ އާ ޓާމިނަލުން ޗައިނާގެ ފުރަތަމަ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އާ ޓާމިނަލުން ޗައިނާގެ ފުރަތަމަ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

Author
ހުސައިން
21 ސެޕްޓެމްބަރ 2025 08:58
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލުން ޗައިނާގެ ބެއިޖިންގް ކެޕިޓަލް އެއާލައިންސްއަށް ހިދުމަތް ދިނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ އާ ޓާމިނަލް މެދުވެރިކޮށް އޮޕަރޭޓް ކުރަން ފަށާ ޗައިނާގެ ފުރަތަމަ އެއާލައިން ކަމަށްވާއިރު، މި ޓާމިނަލުން ހިދުމަތް ދޭން ފަށާ ފަސްވަނަ އެއާލައިން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ހާއްސަ މުނާސަބަތު ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރުގެ އިތުރުން އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި ކުންފުނީގެ އިސްވެރިން ބައިވެރިވިއެވެ.

ރަސްމިއްޔާތުގެ ތެރެއިން އެމްއޭސީއެލްއިން ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުމާއެކު، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތައް ދީފައިވެއެވެ. ހަމައެހެންމެ އާ ޓާމިނަލަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލްއިން ހާމަކުރިއެވެ.

ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިންއެއް ކަމަށްވާ ބެއިޖިންގް ކެޕިޓަލް އެއާލައިންސް ރާއްޖެއަށް އޮޕަރޭޓް ކުރަން ފެށުމާއެކު، އާ ޓާމިނަލުން މިހާރު ދަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ޔުއޭއީގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ، ލަގްޒަރީ އެއާލައިން ބިއޯންޑް އަދި ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ.

އާ ޓާމިނަލުގެ އޮޕަރޭޝަންސް އިތުރަށް ފުޅާވަމުން އަންނަ ކަމަށް ފާހަގަކުރަމުން އެމްއޭސީއެލްއިން ބުނީ މި ހަފުތާގެ ތެރޭގައި އާ ޓާމިނަލަށް އިތުރު ދެ އެއާލައިނެއް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މިއާއެކު އާ ޓާމިނަލުން ހިދުމަތް ލިބޭ އެއާލައިންތަކުގެ އަދަދު ހަތަކަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.