ސުޕްރީމް ކޯޓު އުފެދިފައިވާތާ 17 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ކޯޓުގެ މުހިންމު މާލަންތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަންފުޅުތަކުން ނަންދީފިއެވެ. 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ސުޕްރީމް ކޯޓެއް އުފެދުނުތާ މިއަދާ ހަމައަށް 17 އަހަރު ވެފައިވާކަން ފާހަގަކުރެވެއެވެ.
މި ތާރީހީ ދުވަހުގެ ޝަރަފުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މާލަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިހު ހުސައިން ސަލާހުއްދީންގެ ނަންފުޅުން "ހުސައިން ސަލާހުއްދީން މާލަން" ކަމަށް ނަންކަރައްވާފައިވެއެވެ. އަދި ފަނޑިޔާރުން ޝަރީއަތްތަކުގެ ހުކުމްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ ޑެލިބަރޭޝަން ރޫމަށް ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ޖަމީލު ދީދީގެ ނަންފުޅުން "މުހައްމަދު ޖަމީލު ދީދީ މާލަން" ކަމުގެ ނަން ދެއްވާފައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ މަޖިލީހުގެ ގޮތުގައި ބޭނުންކުރައްވާ މާލަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީގެ ނަންފުޅުން "މޫސާ ފަތުހީ މާލަން" ކަމުގެ ނަން ދެއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ މެއިން ހޯލަށް "އަބްދުﷲ ޖަލާލުއްދީން ދަރުބާރު" ގެ ނަން ދެއްވާފައިވެއެވެ.
ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ މަތީ ޝަރުޢީ ކޯޓުކަމަށްވާއިރު، މި ކޯޓު އުފެދިގެން އައީ ފެހި ގާނޫނު އަސާސީގެ ދަށުންނެވެ. މި ތާރީހީ ބަދަލުތަކާއެކު ސުޕްރީމް ކޯޓުގެ މާލަންތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަންފުޅުތައް ދިނުމަކީ އެ ބޭފުޅުންގެ ހިދުމަތްތަކަށް ގަދަރުކޮށް އަގުވަޒަންކުރުމުގެ ގޮތުން ކުރެވުނު ކަމެކެވެ.
ކޮމެންޓު ފޮނުވާ