ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ފުރާ ފަސިންޖަރުންނަށް ޚާއްޞަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ "ކޮވެލި" ލައުންޖު ރަސްމީކޮށް ހުޅުވައިފި އެވެ. މި ލައުންޖު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފު އެވެ.
ޑިޕާޗާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުން އަދި އެކި އެއާލައިންތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ފާހަގަކުރެއްވީ، ޓޫރިޒަމް އިންޑަސްޓްރީ އަކީ ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ތަނބު ކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މި ސިނާއަތްތައް ހިފަހައްޓައިދޭ މުހިންމު ތަނެއް ކަމަށެވެ.
"އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކުރުމުގެ ސަބަބުން ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަނީ ގައުމީ ފެންވަރުގައި ވަރަށް ބޮޑު މަސައްކަތެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ވީއައިއޭ ޓާމިނަލް އެކެއްގެ ދެވަނަ ފަންގިފިލާގައި 1,230 އަކަމީޓަރުގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ކޮވެލި ލައުންޖުން އެއްފަހަރާ 270 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ޒަމާނީ ވަސީލަތްތަކާއި ފަސޭހަތަކާއެކު ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިންނަށް ކުޅޭ ސަރަހައްދަކާއި، ބުފޭ ހިދުމަތް، ފެންވަރާލުމުގެ ހާއްސަ ފެސިލިޓީތަކާއި، ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް އަދި ކުޑަކުދިން ބަލަހައްޓަން ބޭނުންވާ ބެލެނިވެރިންނަށް ވަކި ކޮޓަރިތައް ހިމެނެ އެވެ.
މި އަހަރުގެ މިނިވަން ދުވަހު ރަސްމީކޮށް ހުޅުވުނު އާ އިންޓަނޭޝަނަލް ޓާމިނަލަކީ ޒަމާނީ ހިދުމަތްތަކާއި ވަސީލަތްތަކާއެކު ތަރައްގީކުރެވިފައިވާ ތަނެކެވެ. ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްގެން ނިންމި މި ޓާމިނަލް ތަރައްގީކުރުމަށް އެންމެ ބޮޑު މާލީ އެހީތެރިކަން ފޯރުކޮށްދިނީ ސައޫދީ ފަންޑުން 217 މިލިއަން ޑޮލަރުގެ ލޯނެއް ދީގެންނެވެ.
މީގެ އިތުރުން ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރު އަދި އަބޫދާބީ ފަންޑުން 90 މިލިއަން ޑޮލަރުގެ ލޯނު ދީފައިވާއިރު، މި މަޝްރޫއު ނިންމާފައިވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެންނެއެވެ.
ކޮވެލި ލައުންޖު ހުޅުވުމާއެކު ވެލާނާ އެއާޕޯޓުން ފަސިންޖަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އިތުރަށް މަތިވެ، ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައި އިތުރަށް ކުރިއަރާނެ ކަމަށް އުންމީދުކުރެވެ އެވެ.
ކޮމެންޓު ފޮނުވާ