ރަޝިއާގައި އައި ބާރުގަދަ ބިންހެލުމުން ރާއްޖެއަށް ނުރައްކަލެއް ނެތް

ރަޝިއާގައި އައި ބާރުގަދަ ބިންހެލުމުން ރާއްޖެއަށް ނުރައްކަލެއް ނެތް

Author
ޙަސަން މުޙައްމަދު
19 ސެޕްޓެމްބަރ 2025 10:20
0

ރަޝިއާގެ ކަމްޗަޓްކާ ސަރަހައްދުގައި ރޭ އައި 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކުރައްވައިފިއެވެ.

ރެކްޓާ މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ މަރުކަޒަކީ ރަޝިއާގެ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 128 ކިލޯމީޓަރު ދުރުގައެވެ. ބިމުގެ އަޑިން 10 ކިލޯމީޓަރު ފުންމިނުގައި އައި މި ބިންހެލުން މާލެއާއި ދުރުމިނަކީ 9432 ކިލޯމީޓަރެވެ.

އެމެރިކާގެ ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ވަނީ މި ބިންހެލުމާ ގުޅިގެން ކަނޑުގެ އައްސޭރިފަށުގައި ނުރައްކާތެރި ރާޅުތައް އުފެދިދާނެކަމުގެ އިންޒާރެއް ދީފައެވެ. ނަމަވެސް މެޓުން ޔަގީންކޮށްދެއްވީ މި ހާދިސާއާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތްކަމަށާއި، ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނުވާނެކަމަށެވެ.

ރަޝިއާގެ ކަމްޗަޓްކާ ސަރަހައްދަކީ ޕެސިފިކް "ރިންގ އޮފް ފަޔަރ" ގައި ހިމެނޭ، ބިންހެލުންތައް ގިނައިން އަންނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ވޭތުވެދިޔަ އަހަރުތަކުގައިވެސް ބާރުގަދަ ބިންހެލުންތައް އައިސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.