ގޭންގުތަކުން ހިންގާ ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމާ ގުޅޭ ޤާނޫނުގެ ދަށުން ދައުލަތަށް ނަގާ މުދަލާމެދު ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް އުފެއްދުމަށް ގަވާއިދެއް ހަދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކުރި "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުން، އުފައްދާ ކޮމިޓީގައި ތަމްސީލުކުރާނީ ފިނޭންސް މިނިސްޓްރީ، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢައްޔަންކުރާ މެންބަރުންނެވެ.
އާ ގަވާއިދުގައި ގޭންގު ކުށްތަކާ ގުޅުންހުރި މުދާ ހިފެހެއްޓުމާއި އެ މުދަލާމެދު ގޮތެއް ނިންމުމުގެ އިތުރަށް، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގުމުގެ ބާރު ފުލުހުންނަށް ލިބިދޭކަން ފާހަގަކުރެވެއެވެ. މި އޮޕަރޭޝަންތަކުގެ ބޭނުމަކީ ޤާނޫނާ ޚިލާފު މުދާ އެތެރެކުރާ ފަރާތްތަކާއި އެފަދަ މުދަލުގެ ވިޔަފާރިކުރާ ނެޓްވޯކްތައް ފާހަގަކޮށް ހައްޔަރުކުރުމެވެ.
ނުޙައްޤުން މުއްސަނދިކަން ހޯދިކަން ސާބިތުވެ، އެފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމުން، އެ މުދަލާ ގުޅޭގޮތުން ނިންމުމެއް ނިންމުމަށް ކޮމިޓީއަށް 10 ދުވަހުގެ މުހުލަތެއް ލިބޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ކޮމިޓީން ނިންމާ ގޮތެއްގެ މަތިން މި މުދާތައް ވިއްކައިލުމާއި، ކުއްޔަށް ދިނުމާއި، ދައުލަތުގެ ބޭނުންތަކަށް ބޭނުންކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމަށް ފުލުހުން ޢަމަލުކުރާނެ އުސޫލުތައް ސާފުކޮށް ކަނޑައެޅުމާއި، އެފަދަ ކުށްތަކާ ގުޅިގެން ދައުލަތަށް ނަގާ މުދަލުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށް މި ގަވާއިދުން މަގުފަހިވާނެއެވެ.
ކޮމެންޓު ފޮނުވާ