ކުއްޔަށް ދޭ ކަމަށް ބުނެ 9 ލައްކަ ރުފިޔާ ނެގި މީހަކަށް އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް

ކުއްޔަށް ދޭ ކަމަށް ބުނެ 9 ލައްކަ ރުފިޔާ ނެގި މީހަކަށް އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް

Author
ޙަސަން މުޙައްމަދު
18 ސެޕްޓެމްބަރ 2025 01:03
0

އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމަށް ބުނެ ގިނަ ބަޔެއްގެ އަތުން ފައިސާ ނަގައި، އެ ތަން ހަވާލުނުކޮށް ފައިސާވެސް އަނބުރާ ނުދިނުމުގެ މައްސަލައެއްގައި މއ. ބުލާޝަންގޭ އަބްދުﷲ ހުޝާމްގެ މައްޗަށް އެއް އަހަރާއި ފަސް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އިއްވައިފިއެވެ.

މި މައްސަލައިގައި ހުޝާމްގެ މައްޗަށް ޓެކުމުގެ ކުށް ސާބިތުވެ، 2022 ވަނަ އަހަރުގެ އޯގަސްޓް 15 ގައި ކޯޓުން ވަނީ ފުރަތަމަ އިއްވި ޖަލު ހުކުމް 115،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް، އެ ޖޫރިމަނާގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ ހަމައެކަނި 6،700 ރުފިޔާ ކަމަށްވުމުން، ދައުލަތުން ވަނީ އޭނާގެ އަދަބު މުރާޖާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އަލުން މައްސަލަ ހުށަހަޅާފައެވެ.

ކޯޓަށް ހާޒިރުވުމަށް އެކި ފަހަރުމަތިން އެންގުމުންވެސް، ތަފާތު ބަހަނާތައް ބޭނުންކޮށްގެން ހާޒިރުނުވުމުގެ ސަބަބުން، ހުޝާމް ކޯޓަށް ހާޒިރުކުރެވުނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ. މި މައްސަލައިގައި އޭނާ ދައުވާއަށް އިންކާރުކުރި ނަމަވެސް، ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް ކުށް ސާބިތުވާކަމަށް ކޯޓުން ނިންމާފައި ވެއެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން، އޭނާ ބަންދުގައި ހޭދަކުރި މުއްދަތާއި ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާގެ އަދަދަށް ބެލުމަށްފަހު، އިތުރަށް ބަންދުގައި ހުންނަން ޖެހޭނީ އެއް އަހަރާއި ފަސް މަހާއި 24 ދުވަހެވެ.

ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި، ހުޝާމް ވަނީ 2015 ވަނަ އަހަރުން ފެށިގެން މއ. ބުލާޝަންގޭގެ އެޕާޓްމަންޓެއް ކުއްޔަށް ދޭނެ ކަމުގެ ދޮގު ވާހަކަ ބުނެ، ފަސް މީހެއްގެ އަތުން ޖުމުލަ 900،000 ރުފިޔާ ހޯދާފައެވެ. އޭނާގެ އުސޫލަކީ، މީހަކާއެކު އެއްބަސްވުމެއް ހަދައި ފައިސާ ނެގުމަށްފަހު، އެޕާޓްމަންޓް ހަވާލުނުކޮށް، އެ އެޕާޓްމަންޓް އެހެން ފަރާތްތަކަށް ކުއްޔަށް ދޭނެ ކަމަށް ބުނެ އިތުރު މީހުންގެ އަތުން ފައިސާ ނަގަމުން ގެންދިއުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.