މާލޭގައި ހިންގާ ފަސްތަރީގެ ހޮޓެލް ބާސެލޯ ނަސަންދުރާ ކައިރީގައި ބަހައްޓާފައި ހުރި ކުނިކޮށީގައި މިއަދު އަލިފާން ރޯވެ، އެ ސަރަހައްދަށް ބޑު ދުމުގެ އަސަރު ކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، އަލިފާން ރޯވި ކުނިތައް ހުރީ ނަސަންދުރާ ހޮޓެލުގެ އިރުމަތީ ފަރާތުގައި ކަމަށާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ފަރާތުން އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ. ޝުކުރުވެރިކަމާއެކު ފާހަގަކުރެވޭ ކަމަކީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވުމެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ނެގިފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަންއޮތް ގޮތުގައި، ކުނި ރޯވުމުން ނިކުތް ގަދަ ކަޅު ދުން ނަސަންދުރާ ހޮޓެލުގެ ބިއްދޮށަށް އޮންނަ އަމީރު އަހުމަދު މަގަށާއި، އެ ސަރަހައްދުގެ އެހެން ތަންތަނަށް ވެސް ފެތުރިފައިވާ މަންޒަރު ފެނިގެން ދިޔައެވެ. އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާ މަންޒަރު ވެސް ސޯޝަލް މީޑިޔާގައި ދައުރުވި ފޮޓޯތަކުން ފެނިފައި ވެއެވެ.
މާލޭ ސިޓީގައި ފަހަކަށްއައިސް އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ބާސެލޯ ނަސަންދުރާ ހޮޓެލަކީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުނު، 90 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ފަސްތަރީގެ ރިސޯޓެކެވެ. 136 ކޮޓަރި ހިމެނޭ މި ހޮޓެލުގައި 116 ސާވިސް އެޕާޓްމަންޓާއި، ސްވިމިންގ ޕޫލާއި، ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތައް ހިމެނެއެވެ. މާލޭގެ މެދުތެރޭގައި ގާއިމުކުރެވިފައިވާ މި ހޮޓެލަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މުހިންމު އިންވެސްޓްމަންޓެކެވެ.
ކޮމެންޓު ފޮނުވާ