މަޖިލީހުގެ އިމާރާތަކީ ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ގުޅުމުގެ ނިޝާން: އަބްދުއްރަހީމް

މަޖިލީހުގެ އިމާރާތަކީ ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ގުޅުމުގެ ނިޝާން: އަބްދުއްރަހީމް

Author
ހުސައިން
18 ސެޕްޓެމްބަރ 2025 08:51
0

މަޖިލީހުގެ އިމާރާތަކީ ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ ނިޝާނެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މި މިހެން ވިދާޅުވީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ޞޯދިޤާއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދެ ޤައުމުގެ ދެމެދުގައި ދިގު ތާރީޚެއްގައި ޤާއިމުވެފައިވާ އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް އަބްދުއްރަހީމް ވަނީ އަލިއަޅުއްވާލައްވާފައެވެ. މި ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހާއެކު މޯލްޑިވްސް-ޕާކިސްތާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އަލުން އުފައްދާފައިވާތީ، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުއްމީދު އަބްދުއްރަހީމް ފާޅުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް މަޖިލީހުގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަގޮތެއްގައި މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދާއިމީ އެކުވެރިކަމުގެ ހަގީގީ މިސާލެއްކަމުގައި ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ދުއްވަމުންދާ ދުވަސްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެކެވުނެވެ. ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން، ދިވެހިރާއްޖެ އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ވޭތުވެދިޔަ ދުވަސްތަކުގައި ފާސްކޮށްފައިވާ، އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކުރާ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރާ ޤާނޫނަކީ، ފަލަސްޠީނާއެކު ރާއްޖެ ދެމިތިބުމުގެ ވަރުގަދަ ހެއްކެއް ކަމުގައިވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.