ވެރިކަން ލިބިއްޖެނަމަ ނޫސްވެރިންނަށް ތެދު ހާމަކުރުމުގެ ހުވައެއް ކުރުވާނަން: އުމަރު

ވެރިކަން ލިބިއްޖެނަމަ ނޫސްވެރިންނަށް ތެދު ހާމަކުރުމުގެ ހުވައެއް ކުރުވާނަން: އުމަރު

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 06:33
0

ސަރުކާރުން ފާސްކޮށްފައިވާ މީޑިއާ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ނޫސްވެރިންނަށް އެނގިހުރި މިންވަރަކުން ތެދު މައުލޫމާތު ހާމަކުރުމުގެ ހުވައެއް ކުރުވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިއީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ގެންނަވާނެ ބަދަލެއްކަމަށް އޭނާ ހާމަކުރެއްވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި މީޑިއާ ބިލަށް އޭނާ ހުށަހަޅުއްވާ އިސްލާހުތަކުގައި ދައުލަތުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަންގެ ވާހަކަ ހާމަކުރުން ކުށެއްގެ ގޮތުގައި ނުބެލުމާއި، ބިލުގައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކުރުން ހިމެނެއެވެ.

އަދި ނޫހެއްގައި ނުވަތަ މީޑިއާއެއްގައި ޝާއިޢުކުރާ ލިޔުމަކުން އަސަރުކުރާ ފަރާތަކުން ރައްދު ދިނުމަށް ބޭނުންވާނަމަ، 24 ގަޑިއިރުގެ ތެރޭގައި އެ ފުރުސަތު ހިލޭ ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. މި އިސްލާހުތައް ގެނައުމުގައި އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ މަޝްވަރާ ހޯދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވި ގޮތުގައި، މި ބިލުގެ ހަގީގީ މަގްސަދަކީ އަބުރު ރައްކާތެރިކުރުން ކަމަށް ބުނި ނަމަވެސް، އަސްލު ބޭނުމަކީ އެއީ ނޫންކަމަށާއި، ސަރުކާރުގެ ކަންކަން ފާޑުކިޔުން ހުއްޓުވުމަށް ގެނައި ގާނޫނެއް ކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ލިބިފައިވާ މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ ނޫސްވެރިންގެ ބޮޑު އިހުތިޖާޖާ އެކުގައެވެ. ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތައް ގެނެސްފައިވީ ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވާނެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރަމުން ދާއިރު، ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.