ޗައިނާގައި ވިޔަފާރިކުރާ ދިވެހި ވިޔަފާރިވެރިން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން، އެ ގައުމުން ލިބޭ ފައިސާ ފަސޭހަކަމާއެކު ޑޮލަރުން ރާއްޖެ ގެނައުމުގެ އައު ނިޒާމެއް ޤާއިމްކޮށްދީފިއެވެ.
އަލީބާބާއާ ގުޅިގެން ދިވެހި ވިޔަފާރިވެރިންނަށް ބޭއްވި ހާއްސަ ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުން، އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރ ހުސައިން އާލިމް ޝަކޫރު ފާހަގަކުރެއްވީ، ދިވެހި އުފެއްދުންތެރިން ކުރިމަތިލާންޖެހޭ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ތަކެތި ވިއްކުމަށްފަހު، އެއިން ލިބޭ ފައިސާ ރާއްޖެ ގެނައުމުގައި ދިމާވާ ދަތިތައް ކަމަށެވެ.
"ފައިސާ ގެނައުމުގެ ނިޒާމްތައް އޮތްނަމަވެސް، ނަގާ ފީތަކާއި ޗާޖުތައް މާ ބޮޑުވުމުން ވިޔަފާރިވެރިންނަށް ލިބޭ ފައިދާ ވަރަށް ކުޑަވެއެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ވަނީ މަސައްކަތް ފަށާފައެވެ،" އާލިމް ވިދާޅުވިއެވެ.
އެމްއައިބީގެ މި އައު ޚިދުމަތުގެ ދަށުން، ޗައިނާގައި ވިޔަފާރިކުރާ ދިވެހިންނަށް ޗައިނީސް ޔުއާންއިން ނުވަތަ އެމެރިކާ ޑޮލަރުން ލިބޭ ފައިސާ، ވަރަށް ކުޑަ ޗާޖަކާއެކު ސީދާ އެމްއައިބީގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ. މި ނިޒާމުގެ ދަށުން ޖަމާކުރެވޭ ފައިސާ، ވިޔަފާރިވެރިންގެ އެކައުންޓަށް ޔޫއެސް ޑޮލަރުން ކްރެޑިޓްކޮށްދެވޭނެކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މި ކޮރިޑޯގެ ސަބަބުން ތިޔަ ބޭފުޅުންނަށް ޗައިނާގައި ކުރާ ވިޔަފާރިން ލިބޭ އާމްދަނީ ވަރަށް ފަސޭހައިން، ލުއިކޮށް، އަވަހަށް ރާއްޖެ ގެނެވޭނެއެވެ. މުޅި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާގެ މާކެޓަށް ދިވެހި ވިޔަފާރިވެރިންނަށް މިއަދު ހުޅުވިގެންދަނީ އައު ދޮރެކެވެ،" އާލިމް ވިދާޅުވިއެވެ.
ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވިޔަފާރިކުރާ ދިވެހިންނަށްވެސް މިފަދަ ފަސޭހަ ނިޒާމްތައް ޤާއިމްކުރުމަށް އެމްއައިބީން މަސައްކަތްކުރަމުންދާކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ބޭންކުން ކުރިއަށްވެސް ދެމިތިބޭނެކަމަށް އާލިމް ޔަޤީންކަން ދެއްވިއެވެ.
ކޮމެންޓު ފޮނުވާ