ދިވެހި ފުލުހުންގެ ޚިދުމަތް ކާމިޔާބު ކުރުމުގައި އަންހެން މުވައްޒަފުން އަދާކުރަމުންދާ ދައުރުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑުކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްކާތެރިކަމާއި އަދުލު އިންސާފު ޤާއިމުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އަންހެން އޮފިސަރުންގެ އިހުލާސްތެރިކަމާއި ހިތްވަރު، އަދި ޕްރޮފެޝަނަލް މަސައްކަތުން މުއައްސަސާ ހަރުދަނާވެ ކުރިއަރަމުންދާކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަރޝިޕް މަޤާމުތަކާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް، ފުލުހުންގެ ޚިދުމަތުގެ އެންމެހައި ދާއިރާތަކުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރާކަމަށް ނަވީން ވިދާޅުވިއެވެ.
"އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ، މި ޚިދުމަތުގައި އެކަނބަލުން އަދާކުރާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއް،" ކޮމިޝަނަރ ވިދާޅުވިއެވެ.
މި މުނާސަބަތު ފާހަގަކުރަމުންދާއިރު، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމާއި، އަންހެން އޮފިސަރުން ބާރުވެރިކުރުމާއި، ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެކަނބަލުންގެ ކުރިއެރުމަށް އެހީތެރިވުމަށް އަޒުމު އާކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2021 ވަނަ އަހަރުގެ އޮކްޓޯބަރ 3 ގައި "ވިމެން އިން ޕޮލިސިންގ ކޮމިޓީ އުފެއްދުމާއި ހިންގުމުގެ އުޞޫލު" ފާސްކުރުމަށްފަހު، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ 17 އަކީ "މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ޑޭ" ގެ ގޮތުގައި ކަނޑައަޅައި، މި ދުވަސް ފާހަގަކުރަމުން އަންނަނީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު އުޖާލާކުރުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ