ސޮވަރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަންއަށް އަރައިފި، ޓާގެޓުގެ 60 ޕަސެންޓް ހާސިލްވެއްޖެ

ސޮވަރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.4 ބިލިއަންއަށް އަރައިފި، ޓާގެޓުގެ 60 ޕަސެންޓް ހާސިލްވެއްޖެ

Author
އަހުމަދު
17 ސެޕްޓެމްބަރ 2025 11:04
0

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއީ 2025 ވަނަ އަހަރުގެ ބަޖެޓުގައި އެ ފަންޑަށް ޖަމާކުރުމަށް ލަފާކޮށްފައިވާ 2.1 ބިލިއަން ރުފިޔާގެ 60 ޕަސެންޓެވެ.

ފަންޑަށް މިހާތަނަށް ޖަމާކޮށްފައިވާ އަދަދު ހާމަކޮށްފައިވީ ނަމަވެސް، ފަންޑުގައި ޖުމުލަ ހުރި މިންވަރު ފިނޭންސް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "މިހާރު" ނޫހުން މިދިޔަ ފެބުރުވަރީ މަހު ހޯދި މައުލޫމާތަށް ބަލާއިރު، އެސްޑީއެފް ފަންޑުގެ ޖުމުލަ ސައިޒު 8.9 ބިލިއަން ރުފިޔާއަށް އަރާކަން އެނގެއެވެ. މީގެ ތެރޭގައި ދިވެހި ރުފިޔާއިން 5.3 ބިލިއަން ރުފިޔާ ހިމެނޭއިރު، 233 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

2017 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސްޑީއެފް ފަންޑަކީ ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމުގެ ބޭނުމުގައި ޤާއިމުކުރެވުނު ފަންޑެކެވެ. މި އަހަރު ދަރަނި އަދާކުރުމަށް 10 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެކަމަށް ލަފާކުރެވޭއިރު، މިއީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަނި އަދާކުރުމަށް ޚަރަދުކުރަން ޖެހޭ މިންވަރެކެވެ.

މި އަހަރު ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ 62 ޕަސެންޓު ބޭރުގެ މާލީ އިދާރާތަކުން ހޯދުމަށް ރާވާފައިވީ ނަމަވެސް، މި މަސައްކަތް ކާމިޔާބުނުވުމުން ޑޮމެސްޓިކް މާކެޓުން ޓްރެޜަރީ ބިލު ވިއްކުމުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހު ތަފާސްހިސާބުތަކުން ދައްކާގޮތުން، ޑޮމެސްޓިކް މާކެޓުން ވިއްކާފައިވާ ޓީބިލުގެ އަދަދު 89 ބިލިއަން ރުފިޔާއަށް އަރައެވެ.

އަންނަ އަހަރު އަދާކުރަން ޖެހޭ އެންމެ ބޮޑު ދަރަންޏަކީ 500 މިލިއަން ޑޮލަރުގެ (7.7 ބިލިއަން ރުފިޔާ) ސުކޫކެއް ކަމަށްވާއިރު، މި ފައިސާ ހޯދުމަށާއި އޭގެ ބައެއް މި އަހަރުގެ ތެރޭގައި އަދާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދެއެވެ. އެކަމަކު އަހަރުގެ މިހާ ހިސާބަށް އައިއިރުވެސް މި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

އެސްޑީއެފް ފަންޑުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 7.6 ބިލިއަން ރުފިޔާ ސަރުކާރުގެ ސެކިއުރިޓީޒް، އެގޮތުން ޓްރެޜަރީ ބިލާއި ބޮންޑުތަކުގައި އިންވެސްޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ޑޮލަރުން ގަނެފައިވާ ޓީބިލާއި ބޮންޑުގެ އަދަދު 195 މިލިއަން ޑޮލަރަށް އަރާއިރު، ބާކީ ހުރީ ދިވެހި ރުފިޔާއިންނެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ގޮތުން، ފަންޑުގެ ފައިސާ މިގޮތަށް އިންވެސްޓްކޮށްފައި ހުރުމަކީ ފަންޑުގެ އަސްލު މަޤުޞަދު ޙާޞިލުކުރުމަށް ހުރި ބޮޑު ގޮންޖެހުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.