އެފްއޭއެމްގެ ފުޓްބޯޅަ ސީޒަނުގެ އެވޯޑްސް 11 ކެޓަގަރީއަކުން ބާއްވަން ނިންމައިފި

އެފްއޭއެމްގެ ފުޓްބޯޅަ ސީޒަނުގެ އެވޯޑްސް 11 ކެޓަގަރީއަކުން ބާއްވަން ނިންމައިފި

Author
ހުސައިން
16 ސެޕްޓެމްބަރ 2025 10:37
0

ދިވެހިރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުޅުންތެރިންގެ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެފްއޭއެމް އެވޯޑްސް ބާއްވާނެކަމަށް އިއުލާނުކޮށްފިއެވެ.

އެފްއޭއެމްއިން ބުނީ މި އެވޯޑްސް ބާއްވާ އެންމެ މުހިންމު ބޭނުމަކީ ދިވެހި ފުޓްބޯޅައިގެ ފެންވަރު މަތިކުރުމާއެކު ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި ފުޓްބޯޅަ ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުން ކަމަށެވެ. އަދި ފުޓްބޯޅައިގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކޮށް ގަދަރުކުރުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އެފްއޭއެމްއިން ފާހަގަކުރެއެވެ.

މި އަހަރު ބާއްވާ އެވޯޑްސްގައި ޖުމުލަ 11 ކެޓަގަރީއެއް ހިމެނޭނެ ކަމަށް އެފްއޭއެމްއިން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ދަރަޖަ ހާސިލުކުރާ ކުޅުންތެރިންނަށް އެވޯޑް ދޭނެއެވެ. މީގެ އިތުރުން ސީޒަނުގެ އެންމެ މޮޅު ކޯޗަށާއި އެންމެ ފާހަގަކޮށްލެވުނު ކުލަބަށް ވެސް ޚާއްޞަ އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެފްއޭއެމް އެވޯޑްސްގައި ހިމެނޭ އިތުރު ކެޓަގަރީތަކުގެ ތެރޭގައި 21 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، ދިވެހި ލީގުތަކުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ އަދި ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭނެ ރަން ބޫޓް އެވޯޑް ހިމެނެއެވެ.

ހަމައެއާއެކު ސީޒަނުގައި އެންމެ ފެންވަރު ރަނގަޅު ގޯލްކީޕަރަށް ދޭނެ ރަން އަންގި އެވޯޑާއި، އެންމެ މޮޅު ރެފްރީއަށް ދޭނެ އެވޯޑް ވެސް މި އެވޯޑްސްގައި ހިމެނެއެވެ. އަންހެން ފުޓްބޯޅައިގެ ތަރައްގީ ފާހަގަކުރުމުގެ ގޮތުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ޚާއްޞަ އެވޯޑެއް ދިނުމަށާއި، ފުޓްސަލްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް އެވޯޑް ދިނުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ސީޒަނުގައި ޖެހުނު އެންމެ ރީތި ގޯލަށް ވެސް ޚާއްޞަ އެވޯޑެއް ދޭނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.