ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް ވަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާޙުކުރުމަށް ނިންމައިފިއެވެ.
މި ނިންމުން އިޢުލާނުކޮށްފައިވަނީ، މީޑިއާތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރާނެ ކަމަށް ބުނާ މީޑިއާ ބިލު، ދައުރުން ބޭރުގައި ބޭއްވި މިއަދުގެ ޖަލްސާއިން ފާސްކުރުމަށްފަހުގައެވެ. ވެރިކަން ކުރާ ޕީއެންސީގެ 60 މެންބަރުންގެ ވޯޓުން މި ބިލު ފާސްވެފައިވެއެވެ.
މަޖިލިސް ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ، މީޑިއާ ބިލުގެ ކޮމިޓީ މަރުޙަލާ ކުރިއަށްދިޔައިރު، ކޮމިޓީއަށް ވަދެފައި ތިބި ބައެއް ފަރާތްތަކުން މަޖިލީހުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށާއި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ބަޔާންކޮށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
"މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް މަޖިލީހުގެ ގަވާއިދު އިސްލާޙުކުރުމަށާއި، މަޖިލީހަށް މެހުމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ޚިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް އިރުޝާދު ދެވޭނެ،" ނާޒިމް ވިދާޅުވިއެވެ. މި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމަށް ގަސްދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ބިލު ދިރާސާކުރި ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ބިލުގައި ހުރި މައްސަލަތައް ފާހަގަކޮށް ހުށަހެޅި ޕެޓިޝަނާ މެދު ގޮތެއް ނުނިންމާ، އާ އިސްލާޙުތަކަކާ އެކު ބިލު ފާސްކުރަން ކޮމިޓީން މަސައްކަތް ކުރި ކަމަށް ބުނެއެވެ. ނަމަވެސް ނޫސްވެރިން ބުނާގޮތުގައި، ކޮމިޓީގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެއެވެ.
އިއްޔެގެ ބައްދަލުވުމުގައި ކޮމިޓީގައި ނުހިމެނޭ ބައެއް މެންބަރުން އެތަނަށް ވަދެ ހަމަނުޖެހުން އުފައްދާފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ވާހަކަދައްކަވަމުން ދަނިކޮށް، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް ކޮމިޓީގެ މައިކެއް ހަލާކުކޮށްލި ކަމަށް ބުނެވެއެވެ.
މިހާރު މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، ކޮމިޓީތަކަށް ނޫސްވެރިންނާއި އާންމުންގެ އިތުރުން ބިދޭސީންނަށް ވެސް ވަދެވޭނެއެވެ. އެކަން ހަމަޖައްސައިދެނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ޒިންމާގެ ދަށުންނެވެ. ނަމަވެސް އެފަދަ މީހުން ކޮމިޓީތަކުގައި ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެ މީހުންގެ މައްޗަށް ފިޔަވަޅު އެޅޭނެ ގޮތެއް މިހާރު ގަވާއިދުގައި ނުހިމެނެއެވެ.
ކޮމެންޓު ފޮނުވާ