ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ އިސްލާމް އާބާދަށް ރަސްމީ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަވާ މި ދަތުރުގައި، ޕާކިސްތާނު ސަރުކާރުގެ އިސް ބޭފުޅުންނާ އެކި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
މަޖިލީހުގެ ރައީސާއެކު މި ދަތުރުގައި ހަތަރު މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. އެއީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކާއި، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި، ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷱ ޝަޒީމެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތައް މި ދަތުރުގައި ކުރެވޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ކުރެވިދާނެ ގުޅުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ