އިޒްރޭލާ ގުޅުން ބަދަހިކުރުމާމެދު ގައުމުތަކުން އަލުން ވިސްނުމަށް އިސްލާމީ ލީޑަރުން ގޮވާލައްވައިފި

އިޒްރޭލާ ގުޅުން ބަދަހިކުރުމާމެދު ގައުމުތަކުން އަލުން ވިސްނުމަށް އިސްލާމީ ލީޑަރުން ގޮވާލައްވައިފި

Author
ހުސައިން
16 ސެޕްޓެމްބަރ 2025 08:01
0

ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން މިދިޔަ ހަފްތާގައި ދިން ހަމަލާއާ ގުޅިގެން ބޭއްވުނު އަރަބި އަދި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި، އިޒްރޭލާ ޑިޕްލޮމެޓިކް ގުޅުން ބާއްވާ ގައުމުތަކުން އެ ގުޅުންތައް މުރާޖައާކުރުމަށް ގޮވާލައްވައިފި އެވެ.

ގާތްގަނޑަކަށް 60 ގައުމެއް ބައިވެރިވި މި ސަމިޓުގައި ނެރުނު ގުޅިފައިވާ ބަޔާނުގައި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ހުރިހާ ފިޔަވަޅެއް އެޅުމަށް އެދިފައިވެ އެވެ. މީގެ އިތުރުން އދ. އިން އިޒްރޭލު ސަސްޕެންޑްކުރުމަށް މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ އެކަން ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

އިޒްރޭލު ބަލައިގަންނަ އަރަބި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، މިސްރު، ޖޯޑަން އަދި މޮރޮކޯ ހިމެނޭ އިރު، މީގެ ފަސް އަހަރު ކުރިން އަބްރަހަމް އެކޯޑްސްގައި ސޮއި ކުރި ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯގެ ލީޑަރުން މި ބައްދަލުވުމަށް ނުވަޑައިގެން އިސް މަންދޫބުން ފޮނުއްވި އެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވީ، ގަތަރަށް ދިން ހަމަލާގެ ސަބަބުން ސުލްހައިގެ އާ އެއްބަސްވުންތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ. މިސްރަކީ އިޒްރޭލު ބަލައިގަތް ފުރަތަމަ އަރަބި ގައުމެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލް ބުދައިވީ ވިދާޅުވި ގޮތުގައި، ގަލްފުގެ ގައުމުތަކުން މި ސަމިޓުގެ ހަވާސާގައި ވަކިން ބައްދަލުކޮށް، އިޒްރޭލު ހުއްޓުވުމަށް އެމެރިކާގެ ނުފޫޒު ބޭނުންކުރުމާ މެދު މަޝްވަރާކޮށްފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގަތަރަށް ދިން ހަމަލާއަށް ފަހު އިޒްރޭލާ މެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކެވި ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އިޒްރޭލަށް ވަޑައިގެން، ހަމާސް ނައްތާލުމަށް އިޒްރޭލުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. ރުބިއޯ މިއަދު ގަތަރަށް ވެސް ވަޑައިގަންނަވާނެ އިރު، މިދިޔަ ހަފްތާގައި ގަތަރުގެ ސަލާމަތަށް އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.