އެޗްއާރުސީއެމްގެ ނައިބު ރައީސްކަމަށް ޝަފީގު މަހުމޫދަށް މަޖިލީހުން ރުހުންދީފި

އެޗްއާރުސީއެމްގެ ނައިބު ރައީސްކަމަށް ޝަފީގު މަހުމޫދަށް މަޖިލީހުން ރުހުންދީފި

Author
ޙަސަން މުޙައްމަދު
15 ސެޕްޓެމްބަރ 2025 06:23
0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޝަފީގު މަހުމޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މި ނަން، މިއަދު ބޭއްވުނު ދައުރުން ބޭރު ޖަލްސާގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވުމަށްފަހު، އެ ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ އިތުރު އިންޓަވިއުއެއް ނުކޮށް ޝަފީގަށް ރުހުންދިނުމަށެވެ.

ކޮމިޓީން މިގޮތަށް ނިންމީ، ޝަފީގަކީ ތައުލީމާއި ތަޖުރިބާއަށް ބަލައި އިންޓަވިއުކޮށް މީގެ ކުރިން ވެސް މަޖިލީހުން އެޗްއާރުސީއެމްގެ މެންބަރުކަމަށް ރުހުންދީފައިވާ ބޭފުޅަކަށްވާތީ ކަމަށް ކޮމިޓީން ބުނެއެވެ. މި މަހުގެ 8 ވަނަ ދުވަހު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެވުނު ޝަފީގަކީ، މީގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރަޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި ބައިވެރިވި 47 މެންބަރުން ޝަފީގަށް ތާއީދުކޮށް ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މިހެންކަމުން، މަޖިލީހުގައި ތަމްސީލުކުރާ މެންބަރުންގެ ބޮޑު އަގުލަބިއްޔަތުން ޝަފީގު އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރުހުން ލިބިފައިވަނީއެވެ.

އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ 2021 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރެވުނު މަރިޔަމް މުނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.