ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެނަކު ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލައިފި

ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެނަކު ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލައިފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2025 09:42
0

މިދިޔަ މެއި މަހު ކިލޯއެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކުރި އަންހެން މީހަކު ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

ކޯޓުން ދޫކޮށްލާފައިވަނީ ހ. ރީފްވިޔު ހުޅަނގުބައި 3 ގައި ދިރިއުޅޭ 38 އަހަރުގެ ޝިފާނާ އަބްދުއްސައްތާރެވެ. ޝިފާނާއާއެކު މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ، ހަސަން ނިމާލު (44އ) އެވެ. ކޯޓުގެ އަމުރުން ދައްކާގޮތުން ޝިފާނާ ބަންދު މަޖިލީހަށް އަށް ފަހަރު ހާޒިރުކޮށްފައިވާކަން އެނގެއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާކަމުގެ މައުލޫމާތު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އޮޕަރޭޝަނުގައި މައްޗަންގޮޅީގައި ހުރި ގެއަކާއި ހުޅުމާލޭގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ގެތައް ބަލައި ފާސްކުރުމުން 1058.55 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ. ނަމަވެސް ޝިފާނާ ކޯޓުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކަމަށް ކޯޓު އަމުރުން އެނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.