ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ކުރިމަތީގައި ދެ މަސް ވަންދެން ބަންދުކޮށްފައި އޮތް ޕާކިން އޭރިއާ މިއަދުން ފެށިގެން ވަގުތީ ގޮތުން ބޭނުންކުރެވޭނެ ގޮތް ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ވަނީ، އެއާޕޯޓް ބޭނުންކުރާ ފަރާތްތަކާއި މުވައްޒަފުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ޓާމިނަލް ކުރިމަތީގައި ވަކި ގަވާއިދަކުން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
ޖުލައި 26 ގައި ހުޅުވި އާ ޓާމިނަލަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލޭގެ އިރުމަތީ ފަރާތުގައި އޮތް ޕާކިން އޭރިއާ ބަންދުކޮށްފައި ވަނީ ޖުލައި 17 ގައެވެ. އެތަނަކީ އެއާޕޯޓް މުވައްޒަފުންނާއި ދަތުރުވެރިން އާންމުކޮށް ބޭނުންކުރަމުން އައި ޕާކިން ސަރަހައްދެކެވެ.
ޕާކިން ޒޯން ބަންދުވެފައި އޮތުމުން އެއާޕޯޓް މުވައްޒަފުން ވަނީ ވަޒީފާއަށް ދިއުމަށް ފެރީ އަދި ބަސް ޚިދުމަތް ބޭނުންކުރަން މަޖުބޫރުވެފައެވެ. މީގެ އިތުރުން އެއާޕޯޓަށް އެކި ކަންކަމަށް ދާ އާންމުންނަށް ވެސް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، އެއާޕޯޓުގައި ޕާކިން ދަތިކަން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރިއަށްދެއެވެ. އޭގެ ތެރޭގައި މާލެއާއި ހުޅުމާލޭން އެއާޕޯޓުގެ އިރުމަތީ ޕާކިން އޭރިއާއަށް ފަސޭހައިން ވަދެވޭނެ ގޮތް ހެދުމަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ޖެހުމާއި، އެއާޕޯޓަށް ދާ ބަސް އަދި ފެރީ ޚިދުމަތްތައް އިތުރުކުރުން ހިމެނެއެވެ.
އެއާޕޯޓުގެ އިރުމަތީ ފަރާތުގައި އާ ޕާކިން ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ނިމުމުން، މިހާރު ވަގުތީ ގޮތުން ހުޅުވާފައިވާ ޓާމިނަލް ކުރިމަތީގެ ޕާކިން ސަރަހައްދު އިރުމަތީ ފަރާތަށް ބަދަލުކުރެވޭނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އޭރުން އެތަނުގައި މިހާރު އަމަލުކުރާ އުސޫލުތަކުން ޕާކްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓު ފޮނުވާ