ރަޝިޔާގެ ކަމްޗަޓްކާއަށް އައި 7.2 ގެ ބާރުމިނުގެ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް

ރަޝިޔާގެ ކަމްޗަޓްކާއަށް އައި 7.2 ގެ ބާރުމިނުގެ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް

Author
ހުސައިން
13 ސެޕްޓެމްބަރ 2025 11:08
0

ރަޝިޔާގެ އިރު އުތުރުގައި އޮންނަ ކަމްޗަޓްކާ ސަރަހައްދަށް މިއަދު ހެނދުނު 7.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މި ބިންހެލުމުގެ ސީދާ އަސަރެއް ދިވެހިރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ.

މި ބިންހެލުން މެދުވެރިވެފައިވަނީ މިއަދު ރާއްޖެ ގަޑިން ހެނދުނު 07:37 ގައި ކަމަށާއި، ބިންހެލުން އައި ސަރަހައްދަކީ މާލެއާ 4921 ކިލޯމީޓަރުގެ ދުރުމިނުގައި އޮތް ތަނެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް އިން ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ، ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިފަށަށް އައި މި ބިންހެލުން މެދުވެރިވެފައިވަނީ ކަނޑުގެ އަޑިން 10 ކިލޯމީޓަރުގެ ފުންމިނުގައި ކަމަށެވެ. އަދި ރޮއިޓަސް އެޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ބިންހެލުމަކީ އެ ސަރަހައްދަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެ ބިންހެލުމެކެވެ.

ޕެސިފިކް ސުނާމީ ވަރނިންގ ސިސްޓަމުން އިންޒާރު ދީފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން ސުނާމީ އަތުވެދާނެ ކަމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި ސުނާމީގެ އަސަރު ކުރާނީ ހަމައެކަނި ކަމްޗަޓްކާ ސަރަހައްދާ ގާތް ސަރަހައްދުތަކަށް ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖެ އޮތީ މި ބިންހެލި ސަރަހައްދާ ވަރަށް ދުރުގައި ކަމުން، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔަޤީންކަން ދީފައިވެއެވެ. އެހެންނަމަވެސް، އެ އިދާރާއިން މި ހާލަތު ބަލަމުން ގެންދާ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.