ބަޑިޖަހާ މަރާލި އެމެރިކާގެ އެކްސްޓިވިސްޓުގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ބަޑިޖަހާ މަރާލި އެމެރިކާގެ އެކްސްޓިވިސްޓުގެ މަރުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2025 06:45
0

އެމެރިކާގައި މިމަހުގެ 11 ވަނަ ދުވަހު ބަޑިޖަހާ މަރާލި، އިސްރާއީލަށް ތާއީދުކުރާ ކޮންޒަވޭޓިވް އެކްސްޓިވިސްޓުގެ މަރާލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެމެރިކާގެ އުޓާ ސްޓޭޓްގެ ގަވަރުނަރު ސްޕެންސަރ ވިދާޅުވެފައިވަނީ ތުހުމަތުގައި ހައްޔަރު ކުރެވިފައިވަނީ 22 އަހަރުގެ ޓައިލަރ ރޮބިންސަން ކަމަށެވެ. ރަސްމީ އިދާރާތަކުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ޗާލީ ގަޔަށް ބަޑި ޖެހިކަމަށް އޭނާގެ އާއިލާގެ ފަރާތްތަކާ އޭނާ ހިއްސާކުރި ވާހަކަތައް، އެފަރާތްތަކަށް ފުލުހުންގެ އިދާރާއާއި ހިއްސާ ކުރުމާއެކު ކަމަށެވެ. އަދި ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ އޭނާ ތަހުގީގުކުރާ ފަރާތްތަކާ މުއާމަލާތް ކުރަމުން އައިނަމަވެސް، މިހާރު އޭނާ ތަހުގީގުކުރާ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާކުރަމުން ނުދާކަމަށްވެސް ރަސްމީ އިދާރާތަކުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

އެމެރިކާގައި މިމަހުގެ 11 ވަނަ ދުވަހު ބަޑިޖަހާ މަރާލި، އިސްރާއީލަށް ތާއީދުކުރާ އެކްސްޓިވިސްޓަކީ ދަރީންނަށް ބަންގީގެ އަޑު އިއްވައިގެން ނުވާނޭކަމަށް ވަކާލާތު ކޮށް، އިސްލާމީ ދީނަކީ ހުޅަނގާއި ހަނގުރާމަ އިއުލާން ކޮށްފައިވާ ދީނެއްކަމަށް ވަކާލާތު ކުރަމުންދިޔަ މީހެކެވެ.

އެމެރިކާގެ ޔޫޓާ ވެލީ ޔުނިވަރސިޓީގައި ބުދަ ދުވަހު ބޭއްވުނު ޑިބޭޓެއްގެ ތެރޭގައި މަޝްހޫރު ކޮންޒަވޭޓިވް، އަދި އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ އެކްޓިވިސްޓް ޗާލީ ކާރކް (31) ގަޔަށް ބަޑިޖެހި އޭނާ މަރާލާފައިވަނި އެ ޔުނިވަސިޓީ ދަރިވަރުންނާއި ބައްދަލުކޮށް އޭނާ ވާހަ ދަކަމުން ދަނިކޮށެވެ. އޭނައަކީ އިސްރާއީލަށް ވަރަށްބޮޑަށް ތާއީދުކުރާ މީހަކަށްވާއިރު އޭނާވަނީ ފަލަސްތީނަކީ ވުޖޫދުގައި އޮތްތަނެއް ނޫންކަމަށްވެސް ބުނެ ވާހަކަ ދައްކާފައެވެ. އެގޮތުން އިސްރާއީލަށް ތާއީދުކޮށް އޭނާ ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި ހުޅަނގު އައްސޭރި ކިޔާ ތަނެއްވެސް ނެތްކަމަށް ބުނެ، އޭނާ ބުނެފައިވަނީ އެއީ އިސްރާއީލަށް ނިސްބަތްވާ "ޖުޑާއި ސަމާރިއާ' ކަމަށެވެ. އެއީ ހުޅަނގު އައްސޭރިއަށް އިސްރާއީލުން މުޚާތަބު ކުރާ ނަމެވެ.

އޭނާ ޔުނިވަރސިޓީގެ ދަރިވަރުންނައި ބައްދަލުކުރަމުން ދަނިކޮށް، ކައިރީގައި ހުރި ގެއްގެ ފުރާޅެއްގެ މަތީގައި ފިލާ އޮތް މީހަކު އޭނާގެ ކަަރަށް ބަޑިޖަހާ އޭނާ މަރާލާފައިވަނީ، އެމެރިކާގައި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވީހާވެސް ފުޅާ ދާއިރާއެއްގައި ދޭން ޖެހޭނެކަމަށް ބުނެ ވާހަކަ ދައްކަމުން ދަނިކޮށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި، "އެމެރިކަން ކަމްބެކް ޓުއަރ" ގެ ނަމުގައި ކުރިއަށްގެންދިޔަ ކެމްޕަސް ޑިބޭޓް ސިލްސިލާގެ ބައެއްގެ ގޮތުން ބޭއްވި މި އިވެންޓުގައި، ކާރކް އޯޑިއަންސްގެ ސުވާލުތަކަށް ޖަވާބުދެމުން ދަނިކޮށް، ބަޑިގެ އަޑެއް އިވި، ކަރުގައި އަތްލައި، ކަރުން ލޭ ފައިބައިގެން ގޮނޑިން ވެއްޓުނެވެ.

ހާދިސާ ހިނގިއިރު ކާރކް ޖަވާބުދެމުން ދިޔައީ މާސް ޝޫޓިންގާ ގުޅޭ ސުވާލުތަކަށެވެ. އޯޑިއަންސް މެންބަރަކު ޓްރާންސްޖެންޑަރ އެމެރިކަނުން މާސް ޝޫޓިންގައި މަރާލާފައިވާ އަދަދާމެދު ސުވާލުކޮށް، އެމެރިކާގައި ހިނގާފައިވާ މާސް ޝޫޓިންގެ ޢަދަދާ ބެހޭގޮތުން ވާހަކަ ދެކެވެމުންދަނިކޮށް، ގޭންގު މާރާމާރީ ހިމަނައިގެންތޯ ނުވަތަ ނޫންތޯ ކާރކް ސުވާލުކުރި ތަނާ މި ހާދިސާ ހިނގިކަމަށް ވީޑިއޯތަކުން ފެނެއެވެ.

އެފްބީއައި އިން މިހާރުވަނީ މި މައްސަލައިގެ ތަޙްޤީޤު ފަށައިފައެވެ. ހަމަލާދިން ފަރާތް އަދިވެސް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މ ހަމަލާ ދޭން ބޭނުންކުރި ބަޑި ހޯދިފައިވާކަމަށް ބުނެ، ޝައްކުވާ މީހެއްގެ ފޮޓޯ އާންމުކޮށް އެމީހާ ހޯޑުމަށް އާންމުންގެ އެހީއަށް ވަނީ އެދިފައެވެ. ޔުނިވަރސިޓީގެ ބަޔާނެއްގައި ބުނެފައިވަނީ ކެމްޕަހުގައި ހިނގި މި ހާދިސާއާ ގުޅިގެން ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކޮށް، ތަޙްޤީޤަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ކާރކްއަކީ ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށާއި، "މޭކް އެމެރިކާ ގްރޭޓް އަގެއިން" ހަރަކާތުގެ މުހިންމު ލީޑަރެއްކަމަށް ފާހަގަކުރެވެއެވެ. އޭނާ އުފެއްދި ޓާނިންގ ޕޮއިންޓް ޔޫއެސްއޭ މެދުވެރިކޮށް ޒުވާން ވޯޓަރުން ކޮންޒަވޭޓިވް ސިޔާސަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އައެވެ. ހަމައެއާއެކު އިސްރާއީލަށް ވަރުގަދައަށް ތާއީދުކުރާ ފަރާތެއްގެ ގޮތުގައިވެސް ކާރކް މަޝްހޫރެވެ. އޭނާގެ ޖަމްޢިއްޔާއިން އިސްރާއީލަށް ތާއީދުކުރާ ސްޕީކަރުން ކޮންފަރެންސްތަކަށް ގެނެސް، އިސްރާއީލާ ގުޅުންހުރި ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކޮށް މަސައްކަތްކޮށްފައިވެއެވެ.

މި އިވެންޓް ބޭއްވުމުގެ ކުރިން ކެމްޕަހުގައި ދެބަސްވުންތައް އުފެދި، ކާރކް އެތަނަށް ނުގެނައުމަށް އެދި އޮންލައިން ޕެޓިޝަނެއްގައި ގާތްގަނޑަކަށް އެއްހާސް މީހުން ސޮއިކޮށްފައިވިއެވެ. އެކަމަކު ޔުނިވަރސިޓީން ބުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބިނާކުރަނިވި ޑައިލޮގްއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކޮށް، އިވެންޓް ކުރިއަށް ގެންދާނެކަމަށެވެ.

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކުގައި ކާރކްގެ މަރާ ދެރަވެވަޑައިގަންނަވާކަމަށް ފާޅުކުރައްވައި، އޭނާއަކީ އެމެރިކާގެ ޒުވާން ޖީލަށް ކޮންޒަވޭޓިވް އުސޫލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެއްކަމަށް ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ސިޔާސީ ލީޑަރުންނާއި މަދަނީ ޖަމްޢިއްޔާތަކުން ވަނީ ސިޔާސީ ހިންސާ ކުށްވެރިކޮށް، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވާލާފައެވެ. އަދި ޓްރަމްޕްވަނީ އޭނާއަށް، އެމެރިކާއިން އަރުވާ އެންމެ މަތީ ލަގަބު އެރުވުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.