ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތައް އިތުރުކޮށް، މިއަދު ހެނދުނު ދޮންފަނު ފަރުގައި ހުންނަ ހަނިފަރުބޭއަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެ ރަށުގެ ރައްޔިތުން ހުރަސް އަޅައިފިއެވެ.
ދޮންފަނުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނިންމައިގެން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް ސޮއިކުރިއެވެ. އެހެންނަމަވެސް މިމަހުގެ 9 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމަވައިފައެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން ދޮންފަނު ރައްޔިތުން ވަނީ ކައުންސިލް ކައިރީގައި މުޒާހަރާކޮށް ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ފެށުމަށް ގޮވާލައިފައެވެ. މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވިދާޅުވީ މި ނިންމުމަކީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ނުކޮށް ނިންމި ކަމެއް ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން ދޮންފަނު ކައުންސިލުން އިއްޔެ ނިންމީ ހަނިފަރަށް ޑައިވްކުރުން މަނާކުރަން ކަމަށް ވީނަމަވެސް، ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.
މިއަދު ހެނދުނު ހަނިފަރަށް ޑައިވްކުރަން ދިޔަ ފަރާތްތަކަށް ހުރަސް އެޅި މަންޒަރު ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި ޑައިވް ދޯނިން ދިޔަ ބަޔަކު ފައިބަން އުޅެނިކޮށް ދޮންފަނުގެ ރައްޔިތުން ދޯންޏެއްގައި ކައިރިކޮށް އެ ސަރަހައްދުން ދިއުމަށް އެންގުމުން ދެބައި މީހުންގެ މެދުގައި ބަހުސްތަކެއް ހިނގައިފައިވެއެވެ.
ދޮންފަނު ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ގޮވާލި ނަމަވެސް، ޑައިވަރުން ބުނީ އެ ފަރާތްތަކަށް ޑައިވްކުރުމުގެ ހައްގު އޮތް ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
ދޮންފަނު ރައްޔިތުން ނިންމައިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދާނަމަ، އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށެވެ.
މި ހާދިސާތަކާ ގުޅިގެން ބައެއް ފަރާތްތަކުން ފާހަގަކުރަނީ، ޑައިވަރުންނަށް ހުރަސް އެޅުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުން ދޮންފަނުގެ ރައްޔިތުންނަށް ފާޑުކިޔުން އަމާޒުވަމުންދާ ކަމަށް ވެސް ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ