ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ މިންވަރަށްވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ސުޕްރީމް ކޯޓުން މަރުހަބާ ކިޔައި، ރައީސްގެ 'އެކްސް' ޕޯސްޓު ކޯޓްކޮށް ރީޕޯސްޓްކުރުމާ ގުޅިގެން، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހުސްނުއްސުއޫދުގެ ވިދާޅުވުމުގައި، އަދުލު އިންސާފުގެ ބާރުގެ އެންމެ މަތީ ކޯޓުން ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއާ އެގޮތަށް މުއާމަލާތްކުރުމަކީ ރަސްމީ އުސޫލުތަކާއި ހަމަތަކާ ވަރަށް ބޮޑަށް ޚިލާފު، ކުރަން ނުވާނެ ކަމެއް ކަމަށެވެ. އަދުލު އިންސާފުގެ ބާރުގެ ކޯޓުތަކުން މުއާމަލާތްކުރަންވާނީ އެކަމަށް ޚާއްސަކޮށް ކަނޑައެޅިފައިވާ ރަސްމީ މަގުތަކުން ކަމަށާއި، ސޯޝަލް މީޑިއާގައި އެފަދަ މުއާމަލާތުތައް ކުރުމަކީ ޝަރުއީ ދާއިރާގެ ނަޒާހާތްތެރިކަން ބަލިކަށިވުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އާންމު އުސޫލެއްގެ ގޮތުން ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން މުއާމަލާތުކުރުމުގައި ވަކި ހަމަތަކެއް އިސްކުރަންޖެހޭ ކަމަށާއި، ކޯޓުތަކުން އާންމުންނަށް މައުލޫމާތު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ. ކޯޓުތަކުން އާންމުކޮށް މުއާމަލާތްކުރަނީ ރަސްމީ ވެބްސައިޓުތަކުގައި މައުލޫމާތު ހާމަކުރުމާއި، ރަސްމީ އެކައުންޓުތަކުގައި ރަސްމީ ބަޔާންތައް ނެރުމުގެ ތެރެއިން ކަމަށާއި، މީގެ އިތުރުން ކޯޓުތަކުގައި މީޑިއާއާ މުއާމަލާތްކުރުމަށް ޚާއްސަ ސްޕޯކްސްޕާސަނުން ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ