ޒުވާނުންގެ ޚިދުމަތް ފާހަގަކޮށް 14 ދާއިރާއަކުން އެވޯޑު ދިނުމަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ ޚިދުމަތް ފާހަގަކޮށް 14 ދާއިރާއަކުން އެވޯޑު ދިނުމަށް ފުރުސަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2025 01:27
0

ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންނަށް ހިތްވަރުދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީން މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ 14 ތަފާތު ދާއިރާއަކުން ޒުވާނުން ކުރާ އަގުހުރި ޚިދުމަތްތައް އަގުވަޒަންކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވާގިދިނުމުގެ މަގްސަދުގައި ދޭ އިނާމެކެވެ.

މިއަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ވިޔަފާރިއާއި އިގްތިސާދު، ފަންނުވެރިކަމާއި ސަގާފަތް ދިރުވުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިންގ، ނަފްސާނީ ސިއްހަތު ބިނާކުރުން، ތިމާވެށި ހިމާޔަތްކުރުން، މިންތީގެ ހަމަހަމަކަން ގާއިމުކުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުން، ދިވެހިބަސް ދިރުވުން، ފަންނިއްޔާތާއި ޓެކްނޮލޮޖީ، ފަތުރުވެރިކަން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި ޒުވާނުން ކުރިއެރުވުމަށް ޚިދުމަތްކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމަކާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާވެސް ހިމެނެއެވެ.

އެވޯޑު ހާސިލުކުރާ ފަރާތްތަކަށް ޒުވާނުންނަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ އެވޯޑާއި ސެޓްފިކެޓް ލިބޭނެއެވެ. މި ފުރުސަތަކީ ގައުމުގެ ކުރިއެރުމަށް ޒުވާނުން އަދާކުރާ ދައުރު ފާހަގަކޮށް، އެ ބޭފުޅުންގެ މަސައްކަތަށް އަގުވަޒަންކުރުމުގެ މުހިންމު ފުރުސަތެކެވެ.

މި އިނާމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެންބަރު 29 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުންނާއި ސޯޝަލް ސެންޓަރުގެ ރިސެޕްޝަނުން ލިބިގަނެވޭނެއެވެ. ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 2:00 އާ ދެމެދު އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށާއި، އޮންލައިންކޮށް މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅިދާނެ ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.