ރިސޯޓެއްގައި މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު 3 ހަފްތާ ފަހުންވެސް ނުލިބޭ، އާއިލާގެ ކަންބޮޑުވުން

ރިސޯޓެއްގައި މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު 3 ހަފްތާ ފަހުންވެސް ނުލިބޭ، އާއިލާގެ ކަންބޮޑުވުން

Author
ހުސެއިން
11 ސެޕްޓެމްބަރ 2025 01:08
0

ރިސޯޓެއްގައި މަސައްކަތް ކުރަމުންދަނިކޮށް ސުވާލު އުފެދޭ ގޮތަކަށް މަރުވި 21 އަހަރުގެ އަދީލް އަހުމަދުގެ އޮޓޮޕްސީ ރިޕޯޓު، މަރުވިތާ 3 ހަފްތާ ވީއިރުވެސް ލިބިފައިނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ރިސޯޓެއްގައި މަސައްކަތް ކުރަމުންދަނިކޮށް އަދީލް މަރުވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އޯގަސްޓް 23 ވަނަ ދުވަހުއެވެ. މަރުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން، ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން އޮޓޮޕްސީ ކުރިއެވެ. ނަމަވެސް އާއިލާގެ ބޮޑު ނުރުހުމުގައި އޮޓޮޕްސީ ކުރުމަށްފަހު، ސެޕްޓެންބަރު 5 ގައި އަދީލްގެ ހަށިގަނޑު ވަޅުލާފައި ވެއެވެ.

އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވަނީ ބައެއް މީޑިއާތަކަށް ދެއްވި މައުލުމާތުގައެވެ. އެހެން ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމުން އާއިލާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، މަރުގެ ޙަޤީޤަތް ދެނެގަތުމަށް ލަސްވަމުންދާތީ ކަންބޮޑުވާ ކަމަށް އަދީލްގެ އާއިލާގެ ފަރާތުން ބުނެއެވެ.

އަދީލްގެ މަންމަ ނާޖިދާ ހަސަން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހާމަކުރި ގޮތުގައި، ދަރިފުޅުގެ މަރާ ބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން އާއިލާއާ ހިއްސާކޮށްފައެއް ނުވާކަމުގައެވެ.  އަދި އަދީލަށް އިންސާފު ލިބޭނެ ކަމުގެ އުންމީދެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އަދީލް އަމިއްލައަށް މަރުވި ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގު ކަމަށް ބުނެ، އޭނާގެ މަންމަ ވިދާޅުވެފައި ވަނީ އެފަދަ ވާހަކަތައް ބަލައިނުގަންނަ ކަމަށެވެ. އަދީލްގެ މަރުގެ ތަޙުޤީޤު ހަލުވިކޮށް، ޙަޤީޤަތް ހާމަކުރުމަށް އާއިލާގެ ފަރާތުން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.