އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓް، އިސްރާއީލަށް ދާއީދުކުރާ ޗާލީ ކާރކް ގަޔަށް ބަޑިޖަހާ މަރާލައިފި

އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓް، އިސްރާއީލަށް ދާއީދުކުރާ ޗާލީ ކާރކް ގަޔަށް ބަޑިޖަހާ މަރާލައިފި

Author
އަހުމަދު
11 ސެޕްޓެމްބަރ 2025 08:17
0

އެމެރިކާގެ ޔޫޓާ ވެލީ ޔުނިވަރސިޓީގައި ބުދަ ދުވަހު ބޭއްވުނު ޑިބޭޓެއްގެ ތެރޭގައި މަޝްހޫރު ކޮންޒަވޭޓިވް، އަދި އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ އެކްޓިވިސްޓް ޗާލީ ކާރކް (31) ގަޔަށް ބަޑިޖެހި މަރުވެއްޖެއެވެ. ޓާނިންގ ޕޮއިންޓް ޔޫއެސްއޭގެ ބާނީ އަދި ސީއީއޯ ކަމުގައިވާ ކާރކްގެ މަރުގެ ޚަބަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލް މެދުވެރިކޮށް އިއުލާންކޮށްފައެވެ.

"އެމެރިކަން ކަމްބެކް ޓުއަރ" ގެ ނަމުގައި ކުރިއަށްގެންދިޔަ ކެމްޕަސް ޑިބޭޓް ސިލްސިލާގެ ބައެއްގެ ގޮތުން ބޭއްވި މި އިވެންޓުގައި، ކާރކް އޯޑިއަންސްގެ ސުވާލުތަކަށް ޖަވާބުދެމުން ދަނިކޮށެވެ، މި ހާދިސާ ހިނގީ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި، ކާރކް އެއްވެފައިވާ ބަޔަކާ ވާހަކަދައްކަމުން ދަނިކޮށް ބަޑިގެ އަޑެއް އިވި، ކަރުގައި އަތްލައި، ލޭ ފައިބައިގެން ގޮނޑިން ވެއްޓުނެވެ.

ހާދިސާ ހިނގިއިރު ކާރކް ޖަވާބުދެމުން ދިޔައީ މާސް ޝޫޓިންގާ ގުޅޭ ސުވާލުތަކަށެވެ. އޯޑިއަންސް މެންބަރަކު ޓްރާންސްޖެންޑަރ އެމެރިކަނުން މާސް ޝޫޓިންގައި މަރާލާފައިވާ އަދަދާމެދު ސުވާލުކޮށް، އެމެރިކާގައި ހިނގާފައިވާ މާސް ޝޫޓިންގެ ޢަދަދާ ބެހޭގޮތުން ވާހަކަ ދެކެވެމުންދަނިކޮށް، ގޭންގު މާރާމާރީ ހިމަނައިގެންތޯ ނުވަތަ ނޫންތޯ ކާރކް ސުވާލުކުރި ފަހުން މި ހާދިސާ ހިނގިކަމަށް ވީޑިއޯތަކުން ފެނެއެވެ.

އެފްބީއައި އިން މިހާރުވަނީ މި މައްސަލައިގެ ތަޙްޤީޤު ފަށައިފައެވެ. ހަމަލާދިން ފަރާތް އަދިވެސް ހޯދިފައެއް ނުވެއެވެ. ޔުނިވަރސިޓީގެ ބަޔާނެއްގައި ބުނެފައިވަނީ ކެމްޕަހުގައި ހިނގި މި ހާދިސާއާ ގުޅިގެން ސެކިއުރިޓީ ފިޔަވަޅުތައް ވަރުގަދަކޮށް، ތަޙްޤީޤަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ކާރކްއަކީ ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށާއި، "މޭކް އެމެރިކާ ގްރޭޓް އަގެއިން" ހަރަކާތުގެ މުހިންމު ލީޑަރެއްކަމަށް ފާހަގަކުރެވެއެވެ. އޭނާ އުފެއްދި ޓާނިންގ ޕޮއިންޓް ޔޫއެސްއޭ މެދުވެރިކޮށް ޒުވާން ވޯޓަރުން ކޮންޒަވޭޓިވް ސިޔާސަތަށް ގެނައުމުގެ މަސައްކަތް ކުރަމުން އައެވެ. ހަމައެއާއެކު އިސްރާއީލަށް ވަރުގަދައަށް ތާއީދުކުރާ ފަރާތެއްގެ ގޮތުގައިވެސް ކާރކް މަޝްހޫރެވެ. އޭނާގެ ޖަމްޢިއްޔާއިން އިސްރާއީލަށް ތާއީދުކުރާ ސްޕީކަރުން ކޮންފަރެންސްތަކަށް ގެނެސް، އިސްރާއީލާ ގުޅުންހުރި ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކޮށް މަސައްކަތްކޮށްފައިވެއެވެ.

މި އިވެންޓް ބޭއްވުމުގެ ކުރިން ކެމްޕަހުގައި ދެބަސްވުންތައް އުފެދި، ކާރކް އެތަނަށް ނުގެނައުމަށް އެދި އޮންލައިން ޕެޓިޝަނެއްގައި ގާތްގަނޑަކަށް އެއްހާސް މީހުން ސޮއިކޮށްފައިވިއެވެ. އެކަމަކު ޔުނިވަރސިޓީން ބުނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބިނާކުރަނިވި ޑައިލޮގްއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކޮށް، އިވެންޓް ކުރިއަށް ގެންދާނެކަމަށެވެ.

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކުގައި ކާރކްގެ މަރާ ދެރަވެވަޑައިގަންނަވާކަމަށް ފާޅުކުރައްވައި، އޭނާއަކީ އެމެރިކާގެ ޒުވާން ޖީލަށް ކޮންޒަވޭޓިވް އުސޫލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެއްކަމަށް ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ސިޔާސީ ލީޑަރުންނާއި މަދަނީ ޖަމްޢިއްޔާތަކުން ވަނީ ސިޔާސީ ހިންސާ ކުށްވެރިކޮށް، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.