ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލް ދިރާސާކުރަން ބޭއްވި ބައްދަލުވުމަށް ވަދެގެން ތިބި ނޫސްވެރިން ބާރުގެ ބޭނުންކޮށްގެން ބޭރުކޮށްލި މައްސަލައިގައި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު ކުށްވެރިކޮށްފިއެވެ.
މިއަދު ހެނދުނު 10:00 ގައި ފެށި ކޮމިޓީ ބައްދަލުވުމަށް ނޫސްވެރިން ވަންނަން ހުރަސްއެޅި، މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން މެދުވެރިކޮށް ނޫސްވެރިން ކޮމިޓީ ކޮޓަރިން ބޭރުކޮށްލުމަށްފަހު، ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށް ރިޕޯޓްތަކުން ދައްކައެވެ. ކޮމިޓީގެ ފަރާތުން ބުނެފައިވަނީ، ބިލާ ގުޅޭގޮތުން އާންމުން ފޮނުވި ޚިޔާލުތަކުގައި ޒާތީ މަޢުލޫމާތު ހިމެނޭތީ، ބައްދަލުވުން ސިއްރުކުރަން ޖެހުނު ކަމަށެވެ.
ބައިނަލްއަޤްވާމީ ނޫސްވެރިކަން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ކަމުގައިވާ ސީޕީޖޭއިން މި ޢަމަލު ހަރުކަށި ބަހުން ކުށްވެރިކުރުމާއެކު، މީޑިއާ ބިލު އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައިފައިވެއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް ރައީސް ކުރެއްވި ވައުދުފުޅު ފުއްދެވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ސީޕީޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ނޫސްވެރިން ކޮމިޓީ ބައްދަލުވުމުން ގަދަކަމުން ނެރުމަކީ ޑިމޮކްރަސީގެ އަސާސީ މިންގަނޑުތަކާ ޚިލާފު ޢަމަލެއް ކަމަށާއި، މީޑިއާ ބިލް ފާސްކުރުމުގެ ކުރިން މިފަދަ ޢަމަލުތައް ހިންގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މީޑިއާގެ މިނިވަންކަމާއި ޚަބަރު ފަތުރާ މިނިވަންކަން ހިމާޔަތްކުރުމަކީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ އަސާސީ ރުކުނެއް ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
ރާއްޖޭގެ މީޑިއާ ދާއިރާ ރެގިއުލޭޓްކުރުމަށް ތައްޔާރުކޮށްފައިވާ މި ބިލަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވާނެ ބިލެއް ކަމަށް ބުނެ، ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާ ޖަމްޢިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ