ކާރިސާތަކުން ރައްކާތެރިކަން ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ

ކާރިސާތަކުން ރައްކާތެރިކަން ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ

Author
ޙަސަން މުޙައްމަދު
10 ސެޕްޓެމްބަރ 2025 02:43
0

ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ މަޝްރޫޢެއްގެ އެހީގެ އެއްބަސްވުމުގައި 9 ސެޕްޓެމްބަރ 2025 ގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން މިރާސްއެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމަށް ޚާއްސަ ނިޒާމުތައް ތަޢާރަފުކޮށް، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތްތެރިކަން އިތުރަށް ހަރުދަނާކުރެވޭނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓަކި މޮޓޮއޯ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ޖަޕާނުން ދިވެހިރާއްޖެއަށް ދިގު މުއްދަތަކަށް ދެމުންދާ އެހީތެރިކަމުގެ ބައެކެވެ. 1988 އިން 2006 އަށް ޖަޕާނުގެ އެހީގައި ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫޢުތަކުގެ ސަބަބުން 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުން ވަރަށް ބޮޑުތަން ކުޑަކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ މިރާސް ވިދާޅުވީ މި މަޝްރޫޢަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވެ، ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަޤީންކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އެހީގެ އެއްބަސްވުމަކީ 26 ޖުލައި 2025 ގައި ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެކެވެ. ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯ އާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ޚާރިޖީ ވުޒާރާ، އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިވެހި ސަރުކާރުން ޖަޕާނު ސަރުކާރަށާއި ޖައިކާއަށް، ރާއްޖޭގެ ތަރައްޤީ ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ ދެމެހެއްޓެނިވި އެއްބާރުލުމާއި އެހީތެރިކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.