ރާއްޖޭގައި އިޝާރާތްބަހުގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފުރަތަމަ ފަހަރަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ. މި ކޯހަކީ އެ މިނިސްޓްރީގެ އިސްނެގުމާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ފަށާ ކޯހެކެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯގާތެރި މުޖުތަމައު ބިނާކުރުމުގެ ސިޔާސަތުގެ މުހިންމު ބައެކެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މިނިސްޓްރީން އިޝާރާތްބަސް އާންމުންނަށް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން، ސަރުކާރުގެ މުވައްޒަފުންނަށް އޮންލައިން ސައިން ލޭންގުއޭޖް ތަމްރީނު ދެވެމުން ދެއެވެ. މި ޕްރޮގްރާމުގައި މިހާތަނަށް ސަރުކާރުގެ އެކި އޮފީސްތަކުގެ 130 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
އިތުރަށް ފުޅާކުރުމުގެ ގޮތުން މިނިސްޓްރީން މިހާރު އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީގައި ސެޓްފިކެޓް ލެވެލް ކޯސް ފެށުމަކީ މި ދާއިރާއަށް ކުރިއެރުމެއް ލިބުނު ކަމެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެންޔޫން މިހާރު ހުޅުވާލައިފައިވެއެވެ. ހަ މަހުގެ މި ކޯހުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ، ޖީސީއީ އޯލެވެލް ނިންމައި، ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. މި ކޯސް ފެށުމުން އިޝާރާތްބަހުގެ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަސްމީ ސަނަދެއް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ