ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ ވެރިކަމަށް ވަޑައިގަތާ އަހަރެއް ވެސް ނުވަނީސް، ދެ ބޮޑު އިންތިޚާބުގައި ނާކާމިޔާބު ވުމާ ގުޅިގެން މަގާމުން އިސްތިއުފާދެއްވައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، 70 އަހަރު ވަންދެން ޖަޕާނުގައި ވެރިކަން ކުރަމުން އަންނަ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ފަރާތުން ވެރިކަމަށް ވަޑައިގަތް އިޝިބާ، ތަކެތީގެ އަގު ހެޔޮކޮށް އިގްތިސާދު ރަނގަޅުކުރާނެ ކަމުގެ ވައުދުތަކާއެކު ވެރިކަމަށް ވަޑައިގަތް ނަމަވެސް، އޭގެ ފަހުން ބޭއްވި ދެ މުހިންމު އިންތިޚާބުގައި ޕާޓީއަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ.
ޕާލިމެންޓުގެ ތިރީގެއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެލްޑީޕީއަށް 15 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަޣުލަބިއްޔަތު ގެއްލުނެވެ. އަދި ޖުލައި މަހު ޕާލިމެންޓުގެ މަތީގެއަށް ބޭއްވި އިންތިޚާބުގައި ވެސް އެލްޑީޕީ އަޣުލަބިއްޔަތު ގެއްލުނެވެ. މި ނާކާމިޔާބީތަކާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުން އިޝިބާގެ އިސްތިއުފާ އަށް ގޮވާލަމުން ދިޔައިރު، ޕާޓީން ވަނީ އާ ލީޑަރަކު ހޮވުމުގެ މަޝްވަރާތައް ފަށައިފައެވެ.
އިސްތިއުފާ ފަސްކުރައްވައި، އެމެރިކާއާ ކުރަމުންދިޔަ ޓެރިފް މަޝްވަރާތައް ނިންމާލުމަށް އިޝިބާ ނިންމެވިއެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާއިން ޖަޕާނުގެ ކާރުތަކާއި އެހެނިހެން މުދަލުން ނަގާ އިމްޕޯޓް ޑިއުޓީއަށް ލުއިތަކެއް ދިނުމަށް މިދިޔަ ހަފުތާގައި އެއްބަސްވުމެއް ވަނީ ހާސިލުވެފައެވެ.
"އެމެރިކާގެ ޓެރިފް ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް މިހާރު ނިމުމަކަށް އައިސްފައިވާތީ، މިއީ އިސްތިއުފާ ދިނުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އިޝިބާ ވިދާޅުވިއެވެ.
ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ އަދި އެމެރިކާގެ މުހިންމު އެކުވެރިއެއް ކަމަށްވާ ޖަޕާނު، ޗައިނާއާ އޮންނަ ގުޅުން ދުވެލި ވުމާއި ސަރަހައްދީ ނުރައްކާތެރިކަން އިތުރުވުމާއެކު، ސިޔާސީ ގޮތުން ބޮޑު ހަލަބޮލިކަމެއްގައި ޖެހިފައިވެއެވެ.
އިޝިބާގެ އާންމު ތާއީދު ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި، ދިރިއުޅުމުގެ ޚަރަދު އިތުރުވުމާއި، އިގްތިސާދީ ދަތިތަކާއި، ކެބިނެޓަށް ހަމައެކަނި ދެ އަންހެނުން އައްޔަން ކުރުމާއި، ޕާޓީ މެންބަރުންނަށް އަގުބޮޑު ހަދިޔާތައް ބެހުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަމުގެ ސަބަބުން އިޝިބާގެ ވެރިކަމަށް އާންމުންގެ އިތުބާރު ގެއްލި، ސިޔާސީ ގޮތުން ދަތި ހާލަތަކާ ކުރިމަތިލާން ޖެހުނެވެ.
ކޮމެންޓު ފޮނުވާ