ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފައެވެ. މި މަޝްރޫޢުގެ ދަށުން ސިޓީގެ އިރުމަތި ފަރާތުގައި ޕްލެޓްފޯމް ތަރައްޤީކުރުމަށް ނިންމައިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ އިންޖިނިއަރިންގ، އާކިޓެކްޗަރަލް، ޕްލޭނިންގ އަދި ތިމާވެށީގެ ލަފާ ހޯދުމާއި، ސްކޯޕިންގ ހެދުމާއި، ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުމާއި، ބީއޯކިއު އެކުލަވާލުމާއި، ޕްރިލިމިނަރީ އެންވަޔަރަމެންޓަލް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކައުންސިލުން ހަވާލުކޮށްފައިވަނީ ޝެރެޓް ސްޓޫޑިއޯއާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، ކުޅުދުއްފުށީގައި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަކީ އެ ސިޓީގެ ގިނަ ޢަދަދެއްގެ ޒުވާނުންނާއި ޢާންމު ރައްޔިތުން އެދޭ ކަމެކެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށް ކައުންސިލުން ބުނެއެވެ.
މި ޕްލެޓްފޯމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މަސްވެރިންނާއި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބޭއްވުމަށް ކައުންސިލުން ރާވައިފައިވާ ކަމަށް މަޢުލޫމާތު ދެއެވެ. އަދި މި މަޝްރޫޢާ ގުޅުންހުރި އެކި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށް ވެސް ކައުންސިލުން ނިންމައިފައިވާ ކަމަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ