ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފި

Author
ޢަލީ އާދަމް
11 އޮގަސްޓް 2025 11:30
0

މާލޭ ވޯޓާ އެންޑް ސެވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީގެ އެ މަސައްކަތަކީ މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.އެ މަސައްކަތް ފަށައިދިނީ އެމްޑަބްލިޔުއެސްސީއަށް 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ދިހަ މުވައްޒަފެކެވެ.

ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށާއި އެ އިމާރާތުގެ މަސައްކަތް ނިމުމާއެކު ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އެ އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެ އާރްއޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.