ގޭންގް ކުށްތަކުގެ އާ ގާނޫނުގެ ދަށުން ތޫނު ހަތިޔާރާއެކު ހައްޔަރު ކުރި 3 މީހުންގެ ވަނަވަރު އާންމު ކޮށްފި

ގޭންގް ކުށްތަކުގެ އާ ގާނޫނުގެ ދަށުން ތޫނު ހަތިޔާރާއެކު ހައްޔަރު ކުރި 3 މީހުންގެ ވަނަވަރު އާންމު ކޮށްފި

Author
އަހުމަދު
06 ސެޕްޓެމްބަރ 2025 10:12
0

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން، ހެންވޭރު ސަރަހައްދުން ތޫނު ހަތިޔާރާއެކު ތިން މީހަކު ހައްޔަރުކޮށް، ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި ތިން މީހުންގެ ތަފްސީލު ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ)، މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) އެވެ. މިމީހުން ހައްޔަރުކުރީ މިމަހުގެ 3 ވަނަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުން، އެތަނުން ތޫނު ހަތިޔާރު ފެނުމުންނެވެ.

ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި ނުރައްކާތެރި ކުށްތައް ކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމްވެގެން ކުށްކުރުމަށް ރާވައި، އެކަމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި އެހެނިހެން ނުރައްކާތެރި އާލާތްތައް ސޭފްހައުސްގެ ގޮތުގައި ބޭނުންކުރާ ތަންތަނުގައި ޖަމާކޮށްފައި ހުންނަކަމަށް ތުހުމަތު ކުރެވެއެވެ. މިފަދަ ހަރަކާތްތަކުގައި މި ތިން މީހުން ބައިވެރިވާކަމަށް ތުހުމަތުކުރެވޭތީ، އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު ކޮންމެ މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ. މި އަމުރު ނެރެފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.