އެމްޕޮކްސްގެ ގްލޯބަލް ސިއްހީ އިމަޖެންސީ ހާލަތު ޑަބްލިއުއެޗްއޯއިން އުވާލައިފި

އެމްޕޮކްސްގެ ގްލޯބަލް ސިއްހީ އިމަޖެންސީ ހާލަތު ޑަބްލިއުއެޗްއޯއިން އުވާލައިފި

Author
ޙަސަން މުޙައްމަދު
06 ސެޕްޓެމްބަރ 2025 10:22
0

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެމްޕޮކްސް ބަލިއާ ގުޅިގެން އިއުލާނުކޮށްފައިވާ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލައިފައެވެ. މި ނިންމުން ނިންމީ އދ.ގެ ހެލްތް އެޖެންސީގެ އިމަޖެންސީ ކޮމިޓީގެ ބުރާސްފަތި ދުވަހު ބޭއްވުނު ކުއާޓާލީ ބައްދަލުވުމުގައި މި ބަލީގެ ހާލަތު ދިރާސާކުރުމަށްފަހުގައެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ނޫސްވެރިންނަށް ވިދާޅުވީ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ބުރުންޑީ، ސިއެރާ ލިއޯން އަދި ޔުގެންޑާ ފަދަ ބަލި ފެތުރިފައިވާ ގައުމުތަކުގައި ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަށްވަމުންދާތީ މި ނިންމުން ނިންމާފައިވާ ކަމަށެވެ. އަދި މި ބަލިއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ލިބިފައިވާ ކުރިއެރުންތަކާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ ގައުމުތަކުން ދައްކާފައިވާ ރަނގަޅު އިޖާބަ ފާހަގަކުރެއްވިއެވެ.

2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޑަބްލިއުއެޗްއޯއިން މި އިމަޖެންސީ އިއުލާނުކުރީ، އެމްޕޮކްސްގެ އާ ވައްތަރެއް ކަމަށްވާ ކްލޭޑް 1ބީ އެފްރިކާގައި ވަރަށް އަވަހަށް ފެތުރެން ފެށުމާ ގުޅިގެންނެވެ. އެ ވަގުތު މި ބަލި ފެތުރިފައިވަނީ ކޮންގޯގެ އިތުރުން އެފްރިކާގެ އެހެން ގައުމުތަކަށް ވެސް ކަމަށާއި، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެސް ފެތުރުމުގެ ބިރު އޮތް ކަމަށް ފާހަގަކުރެވިފައިވެއެވެ.

ނަމަވެސް ޓެޑްރޯސް ވަނީ އިންޒާރުދީފައި، ކުއްލި ހާލަތު އުވާލުމުގެ މާނައަކީ ނުރައްކާ ނިމިގެންދިއުން ނޫން ކަމަށާއި، މި ބަލިއާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. "އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް މިއީ އިމަޖެންސީއެއްގެ ގޮތުގައި ބެލެވޭ ހާލަތެއް. އަދި އާ ވައްތަރުތައް ފެތުރުމުގެ ފުރުސަތު އަދިވެސް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

މި ފަހަރު އެމްޕޮކްސް ފެތުރުމުގައި ޑަބްލިއުއެޗްއޯގެ ރިޕޯޓުތަކުން ދައްކާގޮތުން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި 50،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، ބަލީގެ ހާލަތު ރަނގަޅުވަމުންދިޔަ ނަމަވެސް، ވެކްސިން ފޯރުކޮށްދިނުމާއި ބަލި ދެނެގަތުމާއި ފަރުވާ ދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.